ޚަބަރު

މޮގަދިޝޫގައި ހުންނަ ހޮޓަލެއް ހިސާރުކޮށް ގިނަ ޢަދަދެއްގެ ބަޔަކު ރަހީނުކޮށްފި


ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ ދަ ވިލާ ރޯސް ހޮޓަލަށް ހަތިޔާރުއެޅި ބަޔަކު ވަދެ، އެ ތަނުގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު ރަހީނުކޮށްފިއެވެ. އަލް-ޝަބާބް ޖަމާޢަތުގެ ހަތިޔާރު އެޅި މީހުން ވަދެ ހިސާރުކޮށްފައިވާ ހޮޓާ ހުންނަނީ އެ ޤައުމުގެ ރިޔާސީ ގަނޑުވަރު ކައިރީގައެވެ.

ހޮޓަލުގެ ތެރޭގައި ރަހީނުކޮށްފައި ތިބި މީހުންގެ ޢަދަދު އަދި ސާފެއް ނޫނެވެ. ނަމަވެސް، އެ މީހުން މިނިވަން ކުރުމަށް ސޮމާލިޔާގެ އަސްކަރިއްޔާގެ ޚާއްޞަ ފައުޖަކުން ވަނީ ހޮޓަލުގެ ތެރެއަށް ވަދެފައެވެ. ހޮޓަލުގެ ތެރެއިން މެދުކެނޑުމެއް ނެތި ބަޑީގެ އަޑުފަށްގަނޑާއި ގޮވާތަކެތީގެ އަޑު އިވެމުންދާ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދުގެ ސަރުކާރުން ދަނީ އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަމަލުތައް ހުއްޓުވަން އަސްކަރީ ކެމްޕޭނެއް ހިންގަމުންނެވެ. ނަމަވެސް، މޮގަދިޝޫގައި ހުރި ހޮޓަލެއް ހިސާރުކުރުމުން، ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ގާބިލުކަން ފެންނަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ހިސާރުކޮށްފައިވާ ހޮޓަލަކީ، ސަރުކާރުގެ އިސް އޮފިޝަލުންނާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ މީހުން ތިބޭ ހޮޓަލެކެވެ. އެ ތަނުގެ ތެރެއަށް އަލް-ޝަބާބްގެ ހަނގުރާމަވެރިން ވަނުމާ އެކު ގިނަ ޢަދަދެއްގެ ބަޔަކު ވަނީ ކުޑަދޮރުތައް ބޭނުންކޮށް ބޭރަށް ނިކުމެފައެވެ. ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު އެތެރޭގައި ބަންދުވެފައިވާ ކަމަށާޢި، އޭގެ ތެރޭގައި ސަރުކާރުގެ އޮފިޝަލުން ވެސް ހިމެނޭ ކަމުގައި ފުލުހުން ބުނެއެވެ.

ސޮމާލިޔާގެ ބައެއް ސަރަޙައްދުތައް އަދިވެސް އޮތީ އަލް-ޝަބާބް ހަނގުރާމަވެރިންގެ ބާރުގެ ދަށުގައެވެ. އެ ޖަމާޢަތުން ދަ ވިލާ ރޯސް ހޮޓަލަށް ދީފައިވާ ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، ހަމަލާ ދިނުމަށް މަސައްކަތް ކޮށްފައި ވަނީ ރިޔާސީ ގަނޑުވަރަށް ކަމުގައި އެ ޖަމާޢަތުން ވަނީ ބުނެފައެވެ.

އަލް-ޝަބާބް ޖަމާޢަތާ ދެކޮޅަށް ސޮމާލިޔާ ސަރުކާރުން ކުރަމުންދާ ހަނގުރާމައިގައި އެފްރިކަން ޔޫނިއަންގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާއިން ވެސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފާއިތުވި ތިން ވަރަކަށް މަހުގެ ތެރޭގައި ސޮމާލިޔާގެ ސަރުކާރު ފައުޖުތަކުން ވަނީ އަލް-ޝަބާބްގެ މައްޗަށް ކުރިއެރުންތަކެއް ހޯދައި، އެ ޖަމާޢަތުން އަތްގަދަ ކޮށްފައިވާ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައެވެ.

ނަމަވެސް، އެ ޖަމާޢަތުން ވެސް ދަނީ ސޮމާލިޔާގެ ސަރުކާރާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި މޮގަދިޝޫގައި ހުންނަ އެޑިޔުކޭޝަން މިނިސްޓްރީގެ މައި ޢިމާރާތުގެ ކައިރީގައި ދެ ކާރުބޮން ގޮއްވައިލައިގެން ދިން ހަމަލާއެއްގައި 120 މީހުން މަރުވިއެވެ. 2017ވަނަ އަހަރު ހަމަ އެ ސަރަޙައްދުގައި ދިން ހަމަލާއެއްގައި 500އަށްވުރެ ގިނަ މީހުން ވަނީ މަރައިލާފައެވެ.