ޚަބަރު

މިނިސްޓަރ ޝާހިދު ޔޫއެސްއެއިޑްގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރާ ބައްދަލުކުރައްވައިފި


ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދު الله ޝާހިދު، އެމެރިކާގެ އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫއެސްއެއިޑްގެ ބިއުރޯ ފޮރ އޭޝިއާގެ ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ އަންޖަލީ ކޯރްއާ ބައްދަލުކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދާއި، ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކައުރް ވަނީ ރާއްޖެއާއި ޔޫއެސްއެއިޑްއާ ދެމެދު އިތުރަށް ބަދަހިވަމުންދާ ޕާޓްނަރޝިޕްއާއި، ޚާއްޞަކޮށް ޕަބްލިކް ފައިނޭންސް މެނޭޖްމަންޓާއި، ޑިމޮކްރެޓިކް ގަވަރނަންސް، އިންޑިވިޖުއަލް އެންޑް ކޮމިއުނިޓީ ރެޒިލިއަންސް އަދި ތިމާވެށީގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދާއި ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކައުރް ވަނީ ޔޫއެސްއެއިޑްއިން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމަށް ޔޫ.އެސް.އޭ.އައި.ޑީ އާއި އެމެރިކާ ސަރުކާރުން ވެދެއްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައި، މި ގުޅުން ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޚަލީލާއި ސެކްރެޓަރީ (ބައިލެޓަރަލް) ޑރ. ހާލާ ހަމީދާއި، ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދާއި، އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު ޝައްފާއު އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ޑެޕިއުޓީ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކައުރްގެ އަރިހުގައި ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރ ގެބްރިއެލް ގްރާއުއާއި، ޔޫއެސްއެއިޑްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މިޝަންގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.