ޚަބަރު

ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގަން ފާސްކޮށްފި


ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދެވެ. ކުނި މެނޭޖްކުރުމުގެ ބިލްގެ 33 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަަ، 2 ރުފިޔާއާ އެއްވަރުގެ އަދަދަކަށް ފައިސާ ނަގަންވާނެ ކަމަށެވެ. މިބިލް މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 54 މެމްބަރުންގެ ވޯޓުންނެވެ.

މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ، ތިރީގައި ބަޔާންކޮށްފައިވާ ޕްލާސްޓިކް ކޮތަޅުން ނެގުން އިސްތިސްނާވާނެ

* ޑިއުޓީ ފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
* ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ
* ބަންދުނުކޮށް ހުންނަ ހަނޑު، ހަކަރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު
* ފަންސާސް ނުވަތަ އެއަށްވުރެ ގިނަ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި
* ކުނި މެނޭޖްކުރުމުގެ ޙިދުމަތް ދޭ ފަރާތްތަކުން ނުވަތަ ކަމާބެހޭ އެންމެ އިދާރާއަކުން ކުނި އެޅުމަށް ޚާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ "ބިންލައިނަރ"

ބިލުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓު އޮފް ސޭލުގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، މި ޤާނޫނުގެ 32 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ލެވީ ނެގުން، މި ޤާނޫންނަށް އަމަލުކުރަން ފަށާ ތާރީޙުން 30 ދުވަސް ހަމަވާ ދުވަހުން ފެށިގެން ލާޒިމްވާނެ ކަމަށެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުން މި ބިލުގައިވަނީ ލާޒިމުކޮށްފައެވެ. މިއާއެކު މިޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ޤަވާއިދު، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޙުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލަން ޖެހެއެވެ. އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

މި އަމާޒު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ގެނެސްފައިވާ 2 ވަނަ އިޞްލާޙުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ. އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާއިރު ފުރަތަމަ ލިސްޓު މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހު ވަނީ އާއްމުކުރައްވާފައެވެ.

އެގޮތުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.