ޚަބަރު

ޓެރަރިޒަމްގެ ހިރާސްތައް ކުޑަކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފި


ޓެރަރިޒަމްގެ ހިރާސް ކުޑަކޮށް ސަލާމަތީ ކަންކަން އިތުރުކުރުމަށް އެހީތެރިކަން ދިނުމަށް ހިންގާ މަޝްރޫޢު އިފްތިތާޙުކޮށްފިއެވެ. މިއީ ޔޫރަޕިއަން ޔުނިއަންގެ މާލީ އެހީގައި، ޔުނައިޓެޑް ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމްއާއި ރާއްޖޭގެ ސަރުކާރު ގުޅިގެން ފަށާ މަސައްކަތެކެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި، މިޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙުމަދު ދީދީއެވެ. މިޕްރޮގްރާމް އިފްތިތާހްކޮށްދެއްވުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ ފަހުގެ ތާރީޚުގައި ރާއްޖޭގައި ހިނގާފައިވާ ހާދިސާތަކަށް ބަލާއިރު، މިކަމުގެ ބިރުވެރިކަން މުޅި މުޖުތަމަޢަށް އެބައޮތްކަމަށެވެ. ނަމަވެސް މިކަމުގައި ރާއްޖެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، މި ދާއިރާއިން މަސައްކަތްކުރާނެ މީހުން މަދުވުމާއި، ބޭނުންވާ ވަސީލަތްތައް މަދުުވުންކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައިވަނީ ޓެރަރިޒަމްއާއި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، އީޔޫއާއި ޔޫއެންއޯޑިސީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުންދާކަން ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އައްޑޫގައި ހިންގަން މަސައްކަތްކުރި ޓެރަރިސްޓް ހަމަލާއަކީ މުޖުތަމަޢަށް އޮތް ވަރަށް ބޮޑު ބިރެއްކަމަށާއި، ނަމަވެސް ސަލާމަތީ ބާރުތަކުން މިކަން ނާމިޔާބުކޮށްލާ، ހޯދި ކާމިޔާބީއަކީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.

"ރާއްޖެއިން ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭރުގެ އެހީ ވަރަށް ބޮޑު. މިކަމުގައި އެންމެ ބޮޑަށް ދިމާވަނީ މާލީ ދަތިކަން. ނަމަވެސް މި ކުރާ މަސައްކަތުގައި ބޭރުގެ މާލީ ބޮޑު އެހީއެއް ދަނީ ލިބެމުން." މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވިއިރު، ދުނިޔޭގެ ޤައުމުތަކުގެ އަބާދީގެ ނިސްބަތުން އިސްލާމިކް ސްޓޭޓް(އައިިސިސް)ގެ ހަނގުރާމަތަކަށް އެންމެ ގިނައިން މީހުންދާ ޤައުމަކަށް ރާއްޖެވެފައިވާކަމަށެވެ. މިއީ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށާއި ނަމަވެސް ޤާނޫނަށް ގެނައި އިސްލާހުތަކާއި، ބައިނަލްއަޤްވާމީ އެހީގައި ރާއްޖެއިން ފަށާފައިވާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިޔޫއިން ރާއްޖެއާ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރ ލަރސް ބްރެޑަލް ވިދާޅުވީ މި ފެށި ޕްރޮގްރާމަކީ 18 މަސްދުވަހުގެ ޕްރޮގްރާމެއްކަމަށެވެ. މިއީ ދެ މިލިއަން ޔޫރޯގެ ޕްރޮގްރާމެކެވެ. މީގެ އެންމެ މުހިންމު ބޭނުމަކީ ރާއްޖޭގައި ޓެރަރިޒަމާ ހައްދުފަހަނައަޅާ ދިއުން އޮތް މިންވަރު ދެނެގަތުމާއި މިކަމަށް ހުރި ހިރާސްތައް ދެނެގަތުންކަމަށެވެ. މި މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވަނީ 2023ވަނަ އަހަރުގެ މޭ މަހުން ފެށިގެން 2024ވަނަ އަހަރުގެ މޭމަހުގެ ނިޔަލަށެވެ.

"މި ޕްރޮގްރާމްގައި ބަލާނީ، މިމައްސަލަ ގޯސްވަމުންދާ ސަަބަބުތަކާއި، ހާލަތު ރާއްޖޭގައި އޮތްގޮތަށް. އަދި މިކަމުގައި އިންސްޓިޓިއުޝަންތައް ހަރުދަނާކޮށް، ޢަމަލުކުރެވޭނެގޮތްތައް ކަނޑައެޅޭނީ ކިހިނެތްކަން." ލަރސް ބްރެޑަލް ފާހަގަކުރިއެވެ.

ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް، ޕޮލިސް، ކަރެކްޝަނަލް ސަރވިސް އަދި ކަމާގުޅުންހުރި އިދާރާތަކުން ބައިވެރިވެފައިވެއެވެ.

ޓެރަރިޒަމާއި ހައްދުފަހަނައަޅާދިއުން ހުއްޓުވުމަށް، މުޖުތަމަޢަށް ޚާއްސަކޮށް ހޭލުންތެރިކުރުމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރު ގުޅިގެން އަންނަނީ "ހަފްތާރެސް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ.