ޚަބަރު

އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް


ދިވެހި ސަރުކާރަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައިވާ، ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ހަނދާނުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ. މި ދަފްތަރު ހުޅުވާފައިވަނީ ދިވެހި ބަހުގެ އެކެޑަމީއާއި ޤައުމީ ކުތުބުޚާނާ ގުޅިގެންނެވެ.

ދިވެހި ބަހުގެ އެކެޑަމީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދަފްތަރު ހުޅުއްވައިދެއްވާ އެންމެ ފުރަތަމަ ސޮއިކުރައްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ. މިނިސްޓަރގެ މެސެޖުގައި ޙަބީބާގެ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން މިނިސްޓަރ ޔުމްނާ މިއަދު ވަނީ އަންނަބީލާ ޙަބީބާ ޙުސައިން ޙަބީބުގެ ޢާއިލާއާވެސް ބައްދަލުކުރައްވާ ތައުޒިޔާ ވިދާޅުވެފައެވެ. މި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކެޑަމީގެ އިސްވެރިންނާއި، ޤައުމީ ކުތުބުޚާނާގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މި ދަފްތަރުގައި ޝުޢޫރުފާޅުކުރައްވާށާއި، ލިޔުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް އެ ފުރުޞަތު އަންނަ ޑިސެންބަރުމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 13:30 އަށް ދިވެހިބަހުގެ އެކެޑަމީގައި ދަފްތަރުގައި ސޮއިކުރުން ކުރިއަށްދާނެކަމަށް އެ އެކެޑަމީން ވިދާޅުވެއެވެ.

އަންނަބީލާ ޙަބީބާ ހުސައިން ޙަބީބް އަވަހާރަވީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 92 އަހަރެވެ. އެކަމަނާ ވަނީ 49 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާއެވެ. މީގެތެރެއިންވެސް އެންމެ ގިނަ ދުވަހު މަސައްކަތްޕުޅު ކުރައްވާފައިވަނީ ޤައުމީ ކުތުބުޚާނާގައެވެ.

29 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއްގައި ޤައުމީ ކުތުބުޚާނާގައި ޚިދުމަތް ކުރެއްވިއިރު، ތަފާތު މަޤާމުތައް ފުރުއްވައި، އެތަން ހިންގެވުމުގެ ބުރަ މަސްއޫލިއްޔަތު ވަނީ ވަރަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައެވެ. ޤައުމީ ކުތުބުޚާނާގައި ޙަބީބާ ފުރުއްވި މަޤާމުތަކުގެ ތެރޭގައި، ލައިބްރޭރިއަންގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރެއްވި މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

އެކަމަނާއަކީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމާއި، ތާރީޚު ކޮމިޓީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހަމައެހެންމެ، ޤަރުނުފޮތް ލިޔުމުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ސްކޫލް ކުދިންނަށް ތާރީޚާބެހޭ މަޢްލޫމާތު ދެއްވައި، ރޭޑިއޯ މެދުވެރިކުރައްވައި ތާރީޚާއި ޘަޤާފަތާބެހޭ މަޢްލޫމާތު އިނގިރޭސިބަހުން ދެއްވަމުން ގެންދަވާފައިވެއެވެ.

ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޢާންމު ޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމު ޙަބީބާ ޙުސައިން ޙަބީބަށް ވަނީ ލިބިވަޑައިގެންފައެވެ. އަދި ދިވެހިބަހަށް ތަރުޖަމާ ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު 1981 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. މިނިވަން 25ގެ އިނާމުވެސް ލިބިވަޑައިގެންފައިވެއެވެ. މީގެއިތުރުން، ނޫސްވެރިކަމުގެ ރަން ގަލަންވެސް އެކަމަނާއަށް ވަނީ ލިބިވަޑައިގެންފައެވެ.

ޙަބީބާ ޙުސައިން ޙަބީބަކީ، ދިވެހި އަދަބިއްޔާތަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުންނާއި، ދިވެހި ތާރީޚަށް ޚިދްމަތް ކުރެއްވުމުގެ ރޮނގުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެކަމަނާއަށް ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ދިވެހި ދައުލަތުން އަރުވާފައިވަނީ 2011 ވަނަ އަހަރުއެވެ.