ޚަބަރު

ފަޅުރަށްތައް ކުއްޔަށްދޭއިރު އަތޮޅު ކައުންސިލާ މަޝްވަރާކުރަން ގާނޫނުގައި ކަނޑައަޅައިފި


އެކި ބޭނުންތަކަށް ފަޅުރަށްތައް ދޫކުރާއިރު އެ ފަޅުރަށެއް އޮތް އަތޮޅުގެ ކައުންސިލާ މަޝްވަރާކުރަން ޖެހޭ ގޮތަށް ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފިއެވެ.

ފަޅުރަށްތަކާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް އިސްލާހް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ. ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ބެހޭ ގާނޫނަށް އިޞްލާޙުގެނައުމުގެ ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ ކުރިން ފަޅުރަށްރަށް ދިނުމާ ބެހޭ ޤާނޫނު އޮތް ގޮތުން ބައެއް ޤާނޫނީ ފުށު އެރުންތަކެއް ހުރުމުންނެވެ. އެހެން ދިމާވީ ލާމަރުކަޒީ ޤާނޫނަށް އަލަށް ގެނައި އިޞްލާޙުތަކުގެ ސަބަބުންނެވެ.

މިބިލަށް ހުށަހެޅި އިސްލާހުތަކާއެކު ބިލު މަޖިލީހުން ފާސްވީ 53 މެމްބަރުންގެ ވޯޓުންނެވެ. މިބިލަށް ގެނައި ބަދަލާއެކު މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓު ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންނެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީ އަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެއެވެ.

ފަޅުރަށްރަށާ ބެހޭ ޤާނޫނުގެ 13ވަނަ މާއްދާއަށް އިސްލާހު ގެނެސްފައިވާއިރު، މިއީ ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްތަކުގެ ބޭނުން ކައުންސިލްތަކަށް ފުރިހަމައަށް ލިބިގެންދާ ގޮތަށް ހުށަހެޅިފައިވާ އިސްލާހުތަކެއްކަމަށް ބިލު ހުށަހެޅުއްވި މެމްބަރު ވަނީ ވިދާޅުވެފައެވެ. އެގޮތުން މި އިސްލާހުގެ ދަށުން އެ ރަށެއްގެ އިހްތިސާސްގައި ހުރި ފަޅުރަށްތައް އެކި ފަރާތްތަކަށް ވަރުވާއަށް ލިޔެދީ ކުއްޔަށްދީ ނަފާ ހޯދުމުގެ ބާރު އެ ރަށެއް ނުވަތަ ސިޓީ ކައުންސިލަށް ލިބިގެންވެއެވެ.