ޚަބަރު

ބީއެމްއެލްއިން ސްޕޯޓްސް ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި


ބޭންކް އޮފް މޯލްޑިވްސް، ބީ.އެމް.އެލްގެ ސްޕޯޓްސް ސްކޮލަރޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ބީ.އެމް.އެލް ސްޕޯޓްސް ސްކޮލާޝިޕް ޕްރޮގްރާމަކީ އެތުލީޓުންގެ ހުނަރު ކުރިއަރުވައި ކުޅިވަރުގައި ފުރިހަމަ ކާމިޔާބީއެއް ހޯދުމުގައި އެހީތެރިވުމުގެ އަމާޒުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެންމެ މޮޅު އެތުލީޓުންގެ ތެރެއިން 3 އެތުލީޓަކަށް ހުރިހާ ޚަރަދަކާއެކު ރާއްޖޭން ބޭރުގެ ހައި ޕަރފޯމަންސް ޓްރެއިނިންގ ސެންޓަރުތަކުގައި ތަމްރީން ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމް.އޯ.ސީ) އާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި ސްކޮލަރޝިޕްއަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީވެފައިވާ ޤައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށެވެ. އޮލިމްޕިކް ކޮމެޓީން ވިދާޅުވީ، ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ސްކޮލަރޝިޕްގެ ޝަރުތުތަކުގެ ތެރޭގައި:

● ދިވެހި ރައްޔުތެއް ކަމުގައިވުން
● 16 އަހަރު ފުރިފައިވާ އެތުލީޓަކަށްވުން
● މިވަގުތު ޤައުމީ ޓީމު ނުވަތަ ސްކޮޑްގައި ހިމެފައިވުން / އެމް.އޯ.ސީ އެފިލިއޭޓްވެފައިވާ ކުޅިވަރެއްގެ އެތްލީޓަކަށް ވުން
● މިވަގުތު އެއްވެސް ކުޅިވަރު ސްކޮލަރޝިޕްއެއްގެ ދަށުން ތަމްރީން ހަދަމުންދާ އެތުލީޓަކަށް ނުވުން

މި ސްކޮލަރޝިޕްއަށް ކުރިމަތިލުމަށް ބޭނުންވާ އެތުލީޓުންގެ ވަނަވަރު، އެ އެތުލީޓަކު ނިސްބަތްވާ ކުޅިވަރެއްގެ އެސޯސިއޭޝަން މެދުވެރިކޮށް، އެމް.އޯ.ސީއަށް މެއިލް ކުރުމަށްވަނީ އެ ކޮމިޓީއިން އެދެއެވެ.

ބީ.އެމް.އެލް ސްޕޯޓްސް ސްކޮލަރޝިޕް ޕްރޮގްރާމަކީ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ހިނގާ ޚާއްސަ ޕްރޮގްރާމެކެވެ. ބީއެމްއެލްއިން ވަނީ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތެއް އެ ބޭންކުގެ އަހަރީ ދުވަހާއި ގުޅުވައިގެންކުރިއަށް ގެންދިޔުމަށް ނިންމާފައެވެ.