ޚަބަރު

ދުވާފަރު ބޮޑު ޚިޔާނާތާއި ގުޅިގެން ހުރިހާ ކައުންސިލަރުން ސަސްޕެންޑް


ރ.ދުވާފަރު ކައުންސިލުގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެކައުންސިލްގެ ފަސް މެންބަރުން ސަސްޕެންޑްކޮށްފިއެވެ.

މިކަން އެލްޖީއޭއިންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ކައުންސިލް މެމްބަރުން ސަސްޕެންޑްކޮށް ކައުންސިލް ހިންގުން މިހާރު ހަވާލުކޮށްފައިވަނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާއެވެ. މިމައްސަލާގައި ދުވާފަރު ކައުންސިލްގެ 12 މުވައްޒަފަކު ހިންގާފައިވާ މި މުއާމަލާތްތަކާއި ގުޅިގެން ތަޙުޤީގަށް ހޯދިފައިވާ ކަންކަމަށް ބަލާއިރު، މިމައްސަލައިގައި ގިނަ އަދަދެއްގެ ފައިސާގެ މުޢާމަލާތްތަކެއް، އުސޫލުތަކާއި ޚިލާފަށް ހިންގާފައިވާކަން މިމައްސަލަ ތަހުގީގްކުރި އޭސީ.ސީންވެސް ވަނީ ފާހަގަ ކޮށްފައެވެ.

މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަޝްވަރާއަށް ފޮނުވިފައިވާއިރު، މިކަމާގުޅިގެން ދައުވާކުރެވޭނެ މީހުންގެ މަޢުލޫމާތު ހިމެނޭހެން އިތުރު ތަފްޞީލު އެކޮމިޝަނުން ހާމަކުރަމުން ގެންދާނެކަމަށްވެސް އޭ.ސީ.ސީން ވިދާޅުވެއެވެ.

ދުވާފަރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ މައްސަލައާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލް.ޖީ.އޭއިން ޢާންމުކުރި ރިޕޯޓްގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ ކައުންސިލްގެ ތެރޭގައި ނަހަމަ ގޮތުގައި ކޮށްފައިވާ ފައިސާގެ މުއާމަލާތްތަކެވެ. އެގޮތުން ޒަކާތު ފައިސާއަށް ޚިޔާނާތްތެރިވުމާއި، ބިޑް ކުރުމާއި ނުލާ ކައުންސިލްގެ މުވައްޒަފުންގެ މަސްލަހަތު އޮންނަ ގޮތަށް މަސައްކަތްތައް ހަވާލުކުރުމާއި، ލިޔެކިޔުން ނެތް ފައިސާގެ އެތައް މުޢާމާލަތްތަކެއް ކޮށްފައިވާކަން ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި މުޢާމަލާތްތަކުގައި ކައުންސިލްގެ ޑިރެކްޓަރާއި، ކައުންސިލްގެ ރައީސްއާއި މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ކޮންޓްރެކްޓް މުވައްޒަފުންނަށްވެސް ފައިސާ ޖަމާކޮށްފައިވާކަމަށް އެލް.ޖީ.އޭގެ ރިޕޯޓްގައިވެއެވެ. އަދި ލިޔެކިޔުންނެތި ކައުންސިލްގެ ފައިސާއިން އެތައް ލައްކަ ރުފިޔާއެއް ކައުންސިލްގެ މުވައްޒަފުންގެ އެކައުންޓްތަކަށް، ޖަމާކޮށްފައިވާކަމަށް އެ ރިޕޯޓްގައިވެއެވެ.