ޚަބަރު

ޒަޔާންގެ މަރުގެ މައްސަލާގައި 7 މީހެއްގެ މައްޗަށް ދަޢުވާ އުފުލައިފި


މިއަހަރުގެ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލާގައި ހަތް މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފިއެވެ.

ޒަޔާން މަރާލި މާރާމާރީއަކީ އައްޑޫ ސިޓީގެ ފޭދޫގައި ޖަމާއަތް ހަދައިގެން ކުށް ކުރަމުން އަންނަ ދެ ބައެއްގެ ތެރޭގައި ހިންގި ސިލްސިލާ މާރާމާރީއެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި ޒަޔާން މަރާލީ ބަދަލު ހިފުމުގެ މާރާމާރީއެއްގެ ތެރެއިން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން މިމައްސަލާގައި މިމީހުންގެ މައްޗަށް ދަޢުވާކޮށްފައިވަނީ ކުޑަކުދިން ލައްވައި ކުށްކުރުމަށް ހިންގި އަމަލުތަކާއި ގުޅިގެންނެވެ. މިހަތް މީހުންގެ މައްޗަށް 8 ދައުވާއެއް ވަނީ އުފުލާފައެވެ. މިއީ ކުޑަކުދިން ލައްވައި ކުށްކޮށްގެން ދައުވާކުރި ފުރަތަމަ ފަހަރެވެ. ގަސްތުގައި މީހަކު މެރުމުގެ ކުށުގައި ބައިވެރި ވުމުގެ ކުށުގެ އަދަބަކީ 15 އަހަރާއި 25 އަހަރާއި ދެމެދުގެ ޖަލު ހުކުމެކެވެ.

މިމައްސަލާގައި ދައުވާކޮށްފައިވާ މީހުން:

* ޔައީޝް އަންވަރު، ސ.ހިތަދޫ، ކަދުރުމާގެ - 10 ދަޢުވާ
* އައިލިޝް އަލީ، ސ.ފޭދޫ، ފުފޫމާގެ - 10 ދަޢުވާ
* އަހުމަދު ޝުޢާއު، ސ.ފޭދޫ، ދިރިމާގެ - 10 ދަޢުވާ
* އަހުމަދު ނަބީލް، ސ.ފޭދޫ، ސަންޝައިން - 10 ދަޢުވާ
* ޢަބްދުﷲ ނިޒާރު، ސ.ހިތަދޫ، ކާމަރަނގަގެ - 10 ދަޢުވާ
* އަހުމަދު ޢަބްދުﷲ. ސ.ފޭދޫ، ކަރަންފޫގެ - 10 ދަޢުވާ
* ޢަބްދުﷲ ޝިޔާއު ރަޝީދު، ދިރިމާގެ - 5 ދަޢުވާ

މިމީހުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާއިރު، ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގުގައި ވިދާޅުވީ މިމައްސަލާގައި ހެއްކަށް ނުފޫޒު ފޯރުމަށް މިމީހުން ގިނަ މަސައްކަތްތަކެއް ކުރިކަމަށެވެ. ނަމަވެސް މިމީހުންނަކީ މުޖުތަމައަށް ނުރައްކާތެރި ބައެއްކަމަށް ބަލައި ބަންދުގައި ބޭތިއްބުމުގެ ސަބަބުން އެމީހުންނަށް ހެއްކަށް ނުފޫޒު ފޯރުވުމަށް ކުރި މަސައްކަތް ނާކާމިޔާބު ވެފައިވާކަމަށެވެ.

މިމައްސަލާގައި ޕީޖީ އޮފީހުން ވަނީ 18 އަހަރު ނުފުރޭ 4 ކުއްޖެއްގެ މައްޗަށްވެސް ދަޢުވާ ކޮށްފައެވެ. އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، ޒަޚަމްވި ޒަޔާން ނިޔާވީ ލިބުނު އަނިޔާތަކަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.

ޒަޔާންގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން 12 ތަނަކާއި، އިތުރު 15 ތަނެއް ވެރިފަރާތުގެ ހުއްދައާއެކު ބަލައި ފާސްކޮށްފައެވެ. އަދި 20 ތަނަކުން 290 ސީސީޓީވީ ފުޓެޖް ނަގާ ދިރާސާކުރިއެވެ. އަދި 85 ނަންބަރެއްގެ ކޯލް ޑީޓެއިލްސް ނަގާފައިވެއެވެ. މީގެ އިތުރަށް 88 މީހުންގެ ބަޔާން ތަޙްޤީގަށް ނަގާފައިވެއެވެ.