ވިޔަފާރި

5 ވަނަ މާސްޓަރ ޕްލޭނަށް ފޮޓޯ ހުށައެޅުމުގެ ފުރުސަތު


5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނަށް ފޮޓޯ ހުށައެޅުމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ ޓޫރިޒަމް މާސްޓަރ ޕްލޭނަށް ފޮޓޯ ވިއްކަން ބޭނުންވާ ފަރާތްތަކަށް 5 ދާއިރާއަކުން ފޮޓޯ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ފޮޓޯ ހުށައެޅުމަށް ހުޅުވާލާފައިވާ ދާއިރާތައް:

* ރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން (މަސްމަހާމެއްސާއި ދޫނިސޫފާއި ސޫފި)
* ފަތުރުވެރިކަމުގެ އުފެއްދުންތައް
* ރަށްރަށުގެ ފޮޓޯ (ޤުދުރަތީ ރީތިކަން، މޫދު)
* ރަށްރަށުގެ އޭރިއަލް ފޮޓޯ
* ރާއްޖޭގެ ސަޤާފަތް، މީހުން، އަދި ދިރިއުޅުން

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ، މި ދާއިރާތައް ހިމެނޭހެން މަދުވެގެން 20 ފޮޓޯ ކޮންމެ ފަރާތަކުންވެސް ހުށައަޅަންޖެހޭނެކަމަށެވެ. ފޮޓޯތައް ހޮވާނީ ހުށައަޅާ ފޮޓޯތަކުގެ ތެރެއިން، މިނިސްޓްރީގެ ފަންނީ ބޭފުޅުންގެ ލަފަޔާއިއެކުއެވެ. އަދި މި ފޮޓޯތައް ހޮވާލެވޭ ހިސާބުން ފެށިގެން ފޮޓޯތަކުގެ ފުރިހަމަ ކޮޕީރައިޓް މިނިސްޓްރީއަށް ލިބިގެންދާނެކަމަށް ޓޫރިޒަމް ނިސްޓްރީން ވަނީ ބުނެފައެވެ.

ފޮޓޯއާއި، ކޯޓޭޝަން އަދި އެހެނިހެން ޑޮކިއުމަންޓްތައް ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 7 ވަނަ ދުވަހުގެ 10:00 ގެ ކުރިންނެވެ.

2023ވަނަ އަހަރު ފަށާނީ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭނާއި އެކުގައި ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް މީގެކުރިން ވަނީ ވިދާޅުވެފައެވެ. މި މާސްޓަރ ޕްލޭންގެ ތެރެއިން ކުރިއަށް އޮތް 5 އަހަރު ދުވަހުގެ ތެރޭގައި ފަތުރުވެރިކަމުން ހާސިލްކުރަން ބޭނުންވާ ކަންކަމަށް އަލިއަޅުވާލެވިގެން ދާނެއެވެ.

ތިމާވެށީގެ ގޮތުންނާއި، އިޤްތިޞާދީގޮތުންނާއި، އިޖްތިމާޢީ ގޮތުންވެސް ރާއްޖެއަށް މަންފާލިބޭ ގޮތަށް އަދި ރާއްޖޭގެ ފަތުރުވެރިކަމަކީ މިހުރިހާ ކަމަކާއި ރަހުމަތްތެރި ކަމެއްގެ ގޮތުގައި ކުރިއަށްގެންދެވޭނެ ގޮތްތައް މި މާސްޓަރ ޕްލޭނުގައި ހިމެނޭނެއެވެ.