ޚަބަރު

ހުޅުމާލެ މަސްވެރިންގެ ޖެޓީން ވިއްކާ ތެލުގެ އަގަށް ހެޔޮ ބަދަލެއް


ހުޅުމާލޭ މަސްވެރިންގެ ޖެޓީން މަސްވެރިންނަށް ޚާއްސަ ރޭޓެއްގައި ތެޔޮ ލިބޭނެ އިންތިޒާމް އެފްއެސްއެމްއިން ހަމަޖައްސައިފިއެވެ. މިބަދަލާއެކު މާލޭ ސަރަޙައްދުން މަސްވެރިން ގަންނަ ތެލުގެ އަގުހެޔޮވެގެންދާނެ ކަމަށް އެފްއެސްއެމްއން ހާމަކުރެއެވެ.

ހުޅުމާލޭ މަސްވެރިންގެ ޖެޓީން މިހާތަނަށް މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެއްމުން އައިސްފައިވަނީ އެންސިސް ފިޝަރީޒްއިންނެވެ. ހުޅުމާލޭގައި ހުންނަ އެންސިސްގެ ތެޔޮ މަރުކަޒު ހިންގުމާއި ހަވާލުވެ އެކަމުގެ އެއްބަސްވުމުގައި އެފްއެސްއެމްއިންވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗެއަރމަން މުހައްމަދު ވަސީމެވެ. އަދި އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް، އެފްއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ގަސަމް ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭ މަސްވެރިންގެ ޖެޓީން ތެޔޮ ފޯރުކޮށްދިނުމުގެ ޚިދުމަތް މީގެފަހުން ދެމުންދާނީ އެފްއެސްއެމުން ކަމަށާއި، ތެޔޮ ފޯރުކޮށްދެމުންދާނީ މިފްކޯގެ ރޭޓުގައިކަމަށެވެ.

" މިހާރު ބާޒާރުގައި ތެލުގެ އަގު ހުރިގޮތުން ރަނގަޅު އަގެއްގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ބޭނުންވޭ" ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ ހާއްސަ ރޭޓުގައި ތެޔޮ ދޫކުރާނީ މަސްވެރިކަމަށް ރަޖިސްޓްރީކޮށްފައި ހުންނަ އުޅަނދުތަކަށް އެކަނި ކަމަށެވެ.

މިފްކޯއިން މަސް ދޯނިތަކަށް ޑީސަލް ލީޓަރެއް ވިއްކަނީ 17.63ރ. އަށެވެ. މިރޭޓުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދެމުންދަނީ މިފްކޯގެ މަސް ބޯޓުތަކުންނާއި، މިފްކޯގެ މަސް ގަންނަ ސެންޓަރުތަކުންނެވެ.