ޚަބަރު

ދެ ހަފުތާ ތެރޭގައި ޚާރްސަންގެ 32 ރައްޔިތުން މަރާލައިފި


ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާ ސިފައިން ޔޫކްރެއިނުގެ ދެކުނުގައިވާ ޚާރްސަންއަށް ދީފައިވާ މިސައިލް ހަމަލާތަކުގައި ޢާންމުންގެ 32 މީހުން މަރުވެފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ހާމަކޮށްފިއެވެ. ރަޝިޔާއިން ޚާރްސަންއަށް މިސައިލް ހަމަލާތައް ދޭން ފަށާފައި ވަނީ މީގެ ދެ ހަފުތާ ކުރިން އެ ރަށުން ފައިބަން މަޖުބޫރުވުމާ ގުޅިގެންނެވެ.

ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ އިޢުލާނު ކޮށްފައި ވަނީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މި ހަނގުރާމައިގައި ރަޝިޔާއިން އެންމެ ފުރަތަމަ އަތްގަދަ ކޮށްފައިވާ އެއް ސަރަޙައްދަކީ ޚާރްސަން ސަރަޙައްދާއި، އެ ސަރަޙައްދުގެ ވެރިރަށް ޚާރްސަން ސިޓީއެވެ. ޚާރްސަންގެ އިތުރުން ޔޫކްރެއިނުގެ އިތުރު ތިން ސަރަޙައްދަކަށް ރަޝިޔާ ސިފައިން ވަނީ އަތްގަދަ ކޮށްފައެވެ.

އެ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުގެ ސިފައިން ސެޕްޓެންބަރު މަހުގެ ކުރީކޮޅު ފެށި ކެމްޕޭނުގެ ދަށުން ޚާރްސަންގައި ތިބި ރަޝިޔާ ސިފައިން ވަނީ ފަހަށް ޖައްސާފައެވެ. އަދި، އެ ސަރަޙައްދުން ރަޝިޔާ ސިފައިން ފައިބާފައި ވަނީ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުއެވެ. އެ ދުވަހަށް ފަހު، ރަޝިޔާއިން ދަނީ ޚާރްސަންއަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދެމުންނެވެ.

ރަޝިޔާ ސިފައިންގެ ފައުޖުތައް މިހާރު ތިބީ ޚާރްސަން ހުރަސްކޮށް އޮންނަ ޑްނީޕްރޯ ކޯރުގެ އިރުމަތީ އައްސޭރި ފަށުގައެވެ. ޚާރްސަންގެ ފުލުހުންގެ އިދާރާގެ އިސްވެރިޔާ އީހޯރް ކްލިމެންކޯ ވިދާޅުވީ ރަޝިޔާގެ ހަމަލާތައް އަމާޒު ކުރަމުން ދަނީ ޚާރްސަންގައި ޢާންމުން ދިރިއުޅޭ ޢިމާރާތްތަކަށް ކަމުގައެވެ. އަދި، ހަމަލާތަކުގައި މިހާތަނަށް ޢާންމުންގެ 32 މީހުން މަރުވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.

"ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މިހާރު ވެސް ޚާރްސަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ވަނީ ހިޖުރަ ކޮށްފައި. ނަމަވެސް، މި ސަރަޙައްދުގައި އަދިވެސް ގިނަ ޢަދަދެއްގެ ބަޔަކު އެބަތިބި. އެ މީހުންނަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދޭން މި ދަނީ މަސައްކަތް ކުރަމުން،" ކްލިމެންކޯ ވިދާޅުވިއެވެ. ޚާރްސަންއިން ރަޝިޔާ ސިފައިން ފޭބުމުން ޔޫކްރެއިނުގެ ފުލުހުން މިހާރު ދަނީ އެ ސަރަޙައްދުގައި ފޯރިމަރަމުންނެވެ.

ރަޝިޔާ ސިފައިން ޚާރްސަންއިން ފޭބުމުގެ ކުރިން އެ ރަށުގެ ޢުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް ފަދަ އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ވަނީ ހަމަލާދީފައެވެ. ޚާރްސަންގެ ބޮޑު ސަރަޙައްދަކަށް މިހާރު ކަރަންޓުގެ ޚިދުމަތް ގުޅައިދީފައިވާ ކަމުގައި އެ ރަށުގެ އޮފިޝަލުން ބުނެއެވެ.