ދުނިޔޭގެ ވިޔަފާރި

ޗައިނާގެ 2 ކުންފުންޏެއްގެ އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފި

ޗައިނާގެ މަޝްހޫރު ދެ ޓެކް ކުންފުނި ކަމަށްވާ ހުވާވޭ އާއި ޒެޑްޓީން އުފައްދާ މުވާސަލާތީ ސާމާނާއި ބައެއް ވީޑިއޯ ސަވައިލެންސް ސިސްޓަމްތައް އެމެރިކާއަށް އެތެރެކޮށް ވިއްކުން އެމެރިކާއިން މަނާކޮށްފިއެވެ.

5 މެންބަރުން ހިމެނޭ އެމެރިކާގެ ފެޑެރަލް ކޮމިއުނިކޭޝަންސް ކޮމިޝަން، އެފްސީސީން ހުކުރު ދުވަހު އިއުލާން ކުރި ގޮތުގައި އެމެރިކާގެ މުހިންމު އިންފްރާސްޓްރަކްޗާއަށް ސަލާމަތީ ކަންބޮޑުވުންތައް ކުރިމަތިވާ ވަކި ޓެކްނޮލޮޖީގެ ޑިވައިސްތައް އެތެރެކުރުން ނުވަތަ ވިއްކުން މަނާކުރާ އާ ގަވާއިދުތަކެއް ހެދުމަށް މެމްބަރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން ޗައިނާ ހައިޓޭރާ ކޮމިޔުނިކޭޝަންސް، ހަންގްޒޮއު ހިކްވިޒަން ޑިޖިޓަލް ޓެކްނޮލޮޖީ އަދި ދަހުއާ ޓެކްނޮލޮޖީ ކުންފުނީގެ އެއްވެސް އުފެއްދުމެއް އެމެރިކާއަށް އެތެރެކުރުން މަނާވާނެއެވެ.

އެމެރިކާއަށް ޖާސޫސު ކުރާކަމަށް ޗައިނާގެ ބައެއް އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މީގެކުރިންވެސް މަނާކޮށްފައިވެއެވެ. ނަމަވެސް ޗައިނާއިން އަބަދުވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.

އެމެރިކާގެ ސަލާމަތީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި ވާވޭ ފަދަ ޗައިނާގެ ކުންފުނިތަކުން އުފައްދާ ވަސީލަތްތަކުގެ ޒަރިއްޔާއިން ފައިވް-ޖީ ވަޔަލެސް ނެޓްވޯކްތަކުން ހިއްސާކުރެވޭ ސެންސިޓިވް މައުލޫމާތުތައް އެއްކުރެއެވެ.

އެފްސީސީގެ ރައީސް ބްރެންޑަން ކާރް ވިދާޅުވީ މިއީ އެ ކޮމިޝަނުގެ ތާރީހުގައިވެސް މުވާސަލާތީ އަދި ކަރަންޓު ބޭނުންކުރާ ވަސީލަތްތަކަކުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ ބިރުގައި އެފަދަ ވަސީލަތެއް އެމެރިކާއަށް އެތެރެކުރުން ހުއްޓުވުމަށް ހުރިހާ މެމްބަރުން އެއްބަސްވީ ފުރަތަމަ ފަހަރު ކަމަށެވެ.

އެފްސީސީގެ ނިންމުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ރުހުން ލިބިފައިވާކަމަށްވެސް ބްރެންޑަން ވިދާޅުވެފައިވެއެވެ.