ޚަބަރު

ޑިފެންސް މިނިސްޓަރ ޕޮލިސް އެކެޑަމީއަށް!


މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ، އައްޑޫ ސިޓީގައި ހުންނަ ޕޮލިސް އެކެޑެމީއަށް ޒިޔާރަތްކުރައްވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް އެކެޑެމީއަށް މިނިސްޓަރ ކުރެއްވި ޒިޔާރަތުގައި، އެ އެކެޑެމީގެ އިސްވެރިންނާ ބައްދަލުކުރައްވައި، އެތަން ބައްލަވާލެއްވުމުގެ އިތުރުން އެތަނުގެ މަސައްކަތްތައް ރޭވިފައި ހުރިގޮތާ ބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައިވެއެވެ. އަދި މީގެ އިތުރުން އެކަމަނާ ވަނީ އެ އެކެޑެމީގައި އޮންނަ މެހުމާނުން ސޮއި ކުރައްވާ ފޮތުގައި ސޮއި ކުރައްވާފައެވެ.

ޑިފެންސް މިނިސްޓަރ، ޕޮލިސް އެކެޑެމީއަށް ޒިޔާރަތްކުރައްވާފައި މިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 29 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، އެ އޭރިއާ ކޮމާންޑަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި އެކަމަނާ އިއްޔެ ވަނީ ފުވައްމުލަކަށްވެސް ޒިޔާރާތްކުރައްވާފައެވެ.

ޕޮލިސް އެކެޑެމީއަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓް އަކީ 2009 އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ކުރިއަށްގެންދަން ނިންމި މަޝްރޫޢޫއެކެވެ. މި އެކަޑަމީ ރަސްމީކޮށް ހުޅުވާދެއްވީ މިދިޔަ މާރޗްމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ.ސ.ޖައިޝަންކަރެވެ.

އެތަން ހުޅުވި ފަހުން އެންމެ ފުރަތަމަ ތަމްރީން ކޯސް ފެށީ މިދިޔަ އޮގަސްޓު މަހުގައެވެ. ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ފަށާފައިވަނީ ފުލުހުންގެ 34 ވަނަ ތަމްރީނު ކޯހެވެ. މި ކޯސް ފަށާފައި ވަނީ 197 ރެކްރޫޓުންނާއެކުއެވެ.

އައްޑޫގައި ޤާއިމްކުރި ޕޮލިސް އެކެޑަމީއަކީ ޒަމާނީ ވަސީލަތްތަކާއިއެކު ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. މިފެސިލިޓީގައި ކުރިއަށްގެންދިއުމަށް ފުލުހުންގެ ޚިދުމަތުން ރާވާފައިވާ ތަމްރީންތަކަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާނީ ބެސްޓް ޕްރެކްޓިސަސް ހިމަނައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ތަމްރީނުތަކެއްކަމަށް ފުލުހުން ވިދާޅުވެއެވެ. މި އެކެޑަމީ ހިންގާނީ ދިވެހި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުންނެވެ.

ރާއްޖޭގެ ތަންފީޒީ އިދާރާތަކަށް ޚާއްސަކުރެވިގެން ހަދާފާއިވާ މިތަނުގައި، 340 މީހުންނަށް އެއްފަހަރާ މިތަނުގައި ތިބެގެން ތަމްރީނު ފުރިހަމަކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިތަނުގައި ސިއްޙީ ފަރުވާދޭނެ ތަންތަނާއި ކުޅިވަރާއި ތަމްރީނުތަކަށް، 800 މީހުންގެ ޖާގައިގެ ޖިމްނޭޒިއަމްއަކާއި، ބާސްކެޓު، ޓެނިސް އަދި ފުޓްބޯޅަ ގްރައުންޑަކާއިިއެކު، 400 މީޓަރުގެ ދުވާ ޓްރެކެއް ހިމެނެއެވެ. އަދި ހެލިކޮޕްޓަރު ޖެއްސުމަށް ހެލިޕޭޑެއްވެސް އޮންނާނެއެވެ. މީގެ އިތުރުން ކިޔަވައި ދިނުމަށް 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ކުލާސް ރޫމްތައް ހުންނާނެއެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.