ޔެސް ޓީވީން ފީފާ ވޯލްޑް ކަޕް 2022 ގެ މެޗުތަކަށް ޚާއްސަކޮށްގެން ގެނެސްދޭ ލައިވް ކަވަރޭޖުގެ ތެރެއިން ޒުވާން އަދި އުންމީދީ އެނަލިސްޓުން ތައާރަފްކޮށްދިނީތީ އެކަން ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖުމަންޓަށް ޝުކުރުއަދާކުރައްވައިފިއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ޔެސް ޓީވީން ވޯލްޑްކަޕަށް ހާއްސަކޮށް ގެނެސްދޭ ޕްރީޝޯތަކުގެ ތެރެއިން އާޖެންޓީނާ އާއި މެކްސިކޯ މެޗުގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ޔެސް ޓީވީގެ މި ކަވަރޭޖުގެ ތެރެއިން ނައިބު ރައީސް އާއެކު ދެން ބައިވެރިވީ ވޯލްޑްކަޕު ދިވެހިންނާއި ހިސާބަށް ގެނެސްދިނުމުގެ ދިގު ތާރީހެއް އޮތް ދެ ބޭފުޅުން، އަދި މިފަހަރުގެ ޔެސް ޓީވީގެ ވޯލްޑް ކަޕް ކަވަރޭޖު ޓީމުގައި ހިމެނޭ އިމާދު ލަތީފް އާއި މުހައްމަދު ޝާހިދެވެ. ޕްރެޒެންޓަރެއްގެ ގޮތުގައި ބައިވެރިވީ ޕީއެސްއެމްގެ ސްޕޯޓްސް ހެޑް ހުސެއިން ފަރިޔާޒެވެ.
މި ޕްރީޝޯވ އަށް ނައިބު ރައީސް ވަޑައިގެންނެވީ އާޖެންޓީނާގެ ޖާރޒީ ތުރުކުރައްވައިގެންނެވެ. އަދި ޝޯގެ ތެރެއިން ވޯލްޑްކަޕުގެ މާޒީއާއި، އެ މަނިކުފާނުގެ އުފަން ރަށް ފުވައްމުލަކުގައި 1998 ގެ ވޯލްޑްކަޕުގެ މެޗުތައް ދެއްކުމަށް ކުރެއްވި މަސަައްކަތްތަކުގެ ހަނދާން އާކުރައްވާފައެވެ. އަދި އޭރު އާޖެންޓީނާގެ މެރެޑޯނާގެ ނުފޫޒު އޮތް މިންވަރާއި އޭރާއި މިހާރު ވޯލްޑްކަޕާއި އާޖެންޓީނާގެ ޓީމަށް އައި ބަދަލު ފާހަގަކުރެއްވި އެވެ.
ނައިބު ރައީސް ވަނީ ވޯލްޑްކަޕް ބެލުން ފަދަ ކަންކަމަކީ އިޖްތިމާއީ ގޮތުން މުޖުތަމައުއަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި ޕީއެސްއެމް އިން މި ފުރުސަތު ދެއްވި ކަމަށްޓަކާ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަމީމް އާއި މުޅި ޓީމަށް ނައިބު ރައީސް ޝުކުރުއަދާކޮށް ހިތްވަރުދެއްވި އެވެ.
ނައިބު ރައީސް ވަނީ މި ޕްރީޝޯވ އަށްފަހު ޕީއެސްއެމްގެ މުވައްޒަފުންނާއި އެކު އާޖެންޓީނާ އާއި މެކްސިކޯ މެޗު ބައްލަވާލައްވާފައެވެ.
ޕީއެސްއެމްގެ ޔެސް ޓީީވީން ވޯލްޑްކަޕުގެ މެޗުތައް ގެނެސްދެނީ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރުންނާއި މި ދާއިރާއަށް މުޅިން އާ، އުއްމީދީ ބައިވެރިންނާއެކު އެވެ. ކޮންމެ މެޗެއްގެ އެއް ގަޑިއިރު ކުރިން ޕްރީ ޝޯވ ގެނެސްދޭއިރު، ކުރު މުއްދަތެއްގެ ތެރޭގައި ޔެސް ޓީވީގެ ވޯލްޑްކަޕް ކަވަރޭޖް އާންމުން ވަނީ އުފަލާއެކު ބަލައިގެންފައެވެ.