ކުޅިވަރު

ޑެންމާކް ބަލިކޮށް ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް ފްރާންސް


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގައި ޑެންމާކް އަތުން މޮޅުވެ ދެވަނަ ބުރަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވެއްޖެއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ފްރާންސްއިން ވަނީ އޮސްޓްރޭލިއާގެ މައްޗަށް 4-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. އަދި ޑެންމާކުން ފުރަތަމަ މެޗުގައި ޓިއުނީޝިއާ އާއި ބައްދަލުކުރިއިރު، އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ގަތަރުގެ 974 ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ފްރާންސްއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މެޗުގެ 21 ވަނަ މިނެޓުގައި ފްރާންސްގެ އެޑްރިއަން ރަބިއޯ ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު ރަބިއޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ޑެންމާކުގެ ކީޕަރު ކެސްޕާ ސްމައިކަލްއެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ފްރާންސްގެ އެންޓޯނިއޯ ގްރީޒްމަން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީވެސް ޑެންމާކުގެ ކީޕަރު ސްމައިކަލްއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ފްރާންސްއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ކީލިއަން އެމްބާޕޭ ވަނީ ލަނޑު ޖަހާ ފްރާންސްއަށް ލީޑު ނަގައިދީފައެވެ. މިއީ ތިއޯ ހެނާންޑޭޒްގެ އެހީތެރިކަމާއެކު އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ.

އެކަމަކު މެޗުގެ 68 ވަނަ މިނެޓުގައި ޑެންމާކުން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓެންސަންއެވެ.

މެޗުގައި ދެވަނަ ފަހަރަށް ފްރާންސްއިން ލީޑު ނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް އެމްބާޕޭއެވެ. މިއީ ގްރީޒްމަންގެ އެހީތެރިކަމާއެކު އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ.

މި ނަތީޖާއާއެކު، ގްރޫޕްގެ އެއްވަނައިގައި ފްރާންސް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަ ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް، އޮސްޓްރޭލިއާއަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޑެންމާކަށާއި، ފުލުގައި އޮތް ޓިއުނީޝިއާއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.