ވިޔަފާރި

ޓީޖީއެސްޓީ ބޮޑުވިޔަސް، ބުކިން ކެންސަލެއް ނުވާނެ: ޓީމް


ޓޫރިޒަމްގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޓީޖީއެސްޓީއަށް ސަރުކާރުން ގެނައި ބަދަލު ރަނގަޅުކަމަށާއި، އޭގެ ސަބަބުން ފަތުރުވެރިންގެ ބުކިންތަކަށް ބަދަލު އަންނާނެކަމަށް ޤަބޫލުނުކުރެވޭކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. ޓީމްއަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުން ތަމްސީލްކުރާ ޖަމްޢިއްޔާއެކެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤްކުރައްވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެހެންކަމުން ޖެނުއަރީމަހުން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގާނީ 12 ޕަސެންޓުގެ ބަދަލުގައި 16 ޕަސެންޓުގެ ރޭޓުންނެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓީޖީއެސްޓީގެ ރޭޓަށް ގެނައި ބަދަލާއިއެކު ފަތުރުވެރިކަމަށް އަސަރުކޮށް ފަތުރުވެރިން ބުކިން ހައްދާ މިންވަރު ދަށްވާނެކަމަށެވެ. ނަމަވެސް މިކަމަށް ރައްދުދީ ޓީމުން ނެރުނު ބަޔާނުގައި ވަނީ، ޓެކްސް ބޮޑުކުރުމުން ޓޫރިސްޓުން އަތުން ނެގޭ ޓެކްސްގެ މިންވަރަށް ބަދަލުގެނައުމާއި ގުޅިގެން ރާއްޖެއައުމަށް މިހާރު ހައްދާފައިވާ ބުކިންތައް ކެންސަލް ވާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ. އަދި ޓެކްސް ބޮޑުކުރުމުގެ ސަބަބުން ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަރވިސް ޗާޖުގެ 2000 ރުފިޔާ ކުޑަވާނެކަމަށް މަޓާޓޯއިން ބުނިނަމަވެސް، ބުއެކަންވެސް ޤަބޫލު ނުކުރާކަމަށް ޓީމްއިން ބުންޏެވެ.

އެފަދަ ބަދަލެއް އަންނާނެކަމަށް ޓީމްއިން ނުދެކެނީ މީގެކުރިންވެސް ޓެކްސް ބޮޑުކުރިއިރު ބުކިންތަކަށް އެފަދަ ބަދަލެއް އައިސްފައިނުވާތީކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. އެހެންނަމަވެސް މި ބަދަލާއިއެކު ޓުއަރ އެޖެންޓުންނާއި ޓޫރިސްޓް އޮޕަރޭޓަރުންގެ ފައިދާއަށް ކޮންމެވެސް ވަރެއްގެ އަސަރެއްކުރާނެކަމަށް ޓީންއިން ޤަބޫލުކުރާކަމަށްވެސް ބުންޏެވެ. މިފަދަ އަސަރުތައް ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއިއެކު މަޝްވަރާކުރަން ފަށާފައިވީނަމަވެސް އެފަދަ ބަދަލެއް ތަންފީޒްކުރުމުގެ ކުރިން އެކަށީގެންވާ މުއްދަތެއް ދިނުން ރަނގަޅުކަމަށް ދެކޭކަމަށް ޓީމްއިން ބުންޏެވެ.

ދައުލަތުގެ އާމްދަނީ އިތުރުކޮށް އިޤްތިޞާދީ ހާލަތު ރަނގަޅުކޮށް މުވައްޒަފުންގެ މުސާރަ އިތުރުކޮށް ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެއްކަމަށް ޓީމްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޓޫރިސްޓުން އަތުން ނެގޭ ޓެކްސް (ޓީޖީއެސްޓީ) އިތުރުކުރުމާއި، ވިޔަފާރި ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި އާމްދަނީން ނެގޭ ޓެކްސް (އިންކަމް ޓެކްސް) އިތުރުކުރުމަކީ މުޅި ޤައުމުގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށްޓަކައި މުހިންމު ކަމެއްކަމަށްވެސް ޓީމްއިން ވަނީ ބުނެފައެވެ. އަދި ޓެކްސް އިތުރުކުރުމަކީ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއްކަމުގައިވެސް ޓީމްއިން ވަނީ ބުނެފައެވެ.