ޚަބަރު

"ސާކަސް" ގެ ފުރަތަމަ ލުކް: ރަންވީރު ޑަބަލް ރޯލުން ފެންނާނެ


އަންނަ މަހު ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ސާކަސް" ގެ ފުރަތަމަ ލުކް ދައްކާލައިފިއެވެ.

ފުރަތަމަ ޕޯސްޓަރުން ފެންނަނީ ފިލްމުގެ މައިގަނޑު ކެރެކްޓާތަކެވެ. ރަންވީރު ސިންގާއި ޖެކްލީން ފެނާންޑެޒް އަދި ޕޫޖް ހެގްޅޭ ފެންނަ މި ޕޯސްޓަރުގައި ރަންވީރު ފެންނަނީ ސްޓައިލިޝް ކޮށެވެ. ރީދޫ ކުލައިގެ ސާޅިއެއްގައި ޕޫޖާ ފެންނައިރު ޖެކްލީން ފެންނަނީ 80 އަހަރުތަކުގައި ބަތަލާއެއްގެ ގޮތަށް އިސްތަށިގަނޑު ހަދާފައި ހުއްޓައެވެ.

ޕީރިއަޑް ކޮމެޑީ ފިލްމެއްގެ ގޮތުގައި ގެނެސްދޭ "ސާކަސް" އަކީ ކާމިޔާބު ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެކެވެ. މިއީ 2018 ގެ "ސިމްބާ" އަށް ފަހު އޭނަ އާއި ރަންވީރު އެކީގައި ގެނެސްދޭ އައު ޕްރޮޖެކްޓެވެ.


ރޯހިތުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން އަކްޝޭ ކުމާރުގެ "ސޫރިއަވަންޝީ" އެވެ.

އަންނަ މަހުގެ 23 އަށް ތާވަލުކޮށްފައިވާ "ސާކަސް" ގެ ކާސްޓްގައި ޖެކްލިން ފެނާންޑޭޒް، ވަރުން ޝަރުމާ، ޕޫޖާ ހެގްޅޭ، ޖޯނީ ލީވާ، ސަންޖޭ މިޝްރާ، މުކޭޝް ތިވާރީ އަދި މުރާލީ ޝަރުމާ ފަދަ ތަރިން ހިމެނެ އެވެ. އަދި މި ފިލްމުގެ ޚާއްސަ ފެނިލުމަކުން ދީޕިކާ އާއި އަޖޭ ދޭވްގަން ވެސް ފެންނާނެއެވެ.

ޝޭކްސްޕެއާގެ ޕްލޭ "ދަ ކޮމެޑީ އޮފް އެރާސް" އަށް ބިނާކޮށް ހަދާފައިވާ "ސާކަސް" ގައި ރަންވީރު އާއި ވަރުން ފެންނާނީ ޑަބަލް ރޯލުތަކުންނެވެ. މި ފިލްމަކީ މި އަހަރު ރިލީޒްވާ ރަންވީރުގެ ދެވަނަ ފިލްމެވެ. މި އަހަރުގެ މެއިގައި ރިލީޒްކުރި އޭނަގެ "ޖަޔޭޝްބާއީ ޖޯރްދާރު" އަކީީ މާ ކާމިޔާބު ފިލްމެއް ނޫނެވެ.