ޚަބަރު

ޔޮހާނީގެ ފުރަތަމަ ހިންދީ ލަވަވެސް ޖުބިންއާއެކު


ސްރީލަންކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީގެ ފުރަތަމަ ހިންދީ ލަވަ ނެރެފިއެވެ.

ޔޮހާނީގެ ފުރަތަމަ ހިންދީ ލަވަ "ތޫ ސާމްނޭ އާޔޭ" ކިޔާފައިވަނީ އޭނާގެ އިތުރުން، "މަނިކޭ"ގެ ހިންދީ ވާޝަން ކިޔާފައިވާ ޖުބިން ނައުޓިޔާލެވެ. މި ދެ ލަވަކިޔުންތެރިން ދާދި ފަހުން ވަނީ އިންޑިއާގެ ލަދާކަށް ދަތުރުކޮށް މި ލަވައަށް މަސައްކަތްކޮށްފައެވެ.

ލަވަ ރިލީޒް ކުރުމާއި ގުޅޭ ގޮތުން ޔޯހާނީ ބުނީ، އޭނާގެ މި ލަވަ އެންމެންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އޭނާއާއި ޖުބިން އަކީ ރަނގަޅު ރައްޓެހިން ކަމުން، މިއުޒިކް ވީޑިއޯ ޝޫޓް ކުރުމުގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށްވެސް ޔޯހާނީ ބުންޏެވެ.


މި ލަވައިގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ ރޮކީ ޚަންނާ އާއި ޖުބިން ނަތިޔާލްއެވެ. ލަވަގެ ލިރިކްސް ލިޔެފައިވަނީ ރޮކީއެވެ. ވިޝުއަލް ގޮތުން މި ލަވައިގައި ފަރުބަދަތަކުގެ މަންޒަރު ރީތިކަމާއި، ޖުބިން އާއި ޔޯހާނީގެ ތަފާތު ލޫކްތައް ފެނިގެންދެއެވެ.

ޔޮހާނީ އާއްމުންގެ ތެރޭގައި ބޮޑަށް މަޝްޙޫރުވެގެންދިޔައީ 2020 ވަނަ އަހަރު ރިލީޒްކުރި ސިންހަޅަ ބަހުން ކިޔާފައިވާ "މަނިކޭ މަގޭ ހިތޭ"ގެ ކަވަރ ވާޝަނެއް އޮރިޖިނަލް ލަވަ ކިޔާފައިވާ އާޓިސްޓާއެކު 2021 ވަނަ އަހަރު ޔޫޓިއުބަށް ދޫކޮށްލި ހިސާބުންނެވެ. މިދިޔަ އޮކްޓޫބަރުމަހު ރިލީޒްކުރި އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް" ފިލްމުގައި މި ލަވައިގެ ހިންދީ ރީމޭކެއްވެސް ހިމަނާފައިވެއެވެ.