ޚަބަރު

ސޯޝަލް މީޑިއާގެ ފުރައްސާރައަކީ ސިޔާސީ މައިދާނަށް އަންހެނުން ނިކުތުމަށް އޮތް ހުރަހެއް: ރޮޒައިނާ


ސޯޝަލް މީޑިއާގައި އަންހެނުންނަށް ކުރާ ފުރައްސާރައަކީ އަންހެނުން ސިޔާސީ މައިދާނަށް ނުކުތުމަށް އޮތް ހުރަހެއްކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ އަންހެނުންގެ ރޫޙުގެ ރައީސާ ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.


ބައިނަލްއަޤުވާމީގޮތުން އަންހެނުނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހުގެ މުނާސަބަތުގައި އެމްޑީޕީގެ އަންހެނުންގެ ރޫޙުގެ ރައީސް ރޮޒައިނާ އާދަމް ނެރުނު ބަޔާނުގައި ވިދާޅުވީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ އަންހެނުންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި ނަފްސާނީ ގޮތުން ބަލިކޮށްލާފަދަ ބަހުގެ ޙަމަލާތައް އަމާޒުކުރާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އަންހެނުންނަށް އަމާޒުވާ އެކިބާވަތުގެ އިންޒާރުތަކާއި އަންހެނުނަށް އަމާޒުކުރެވޭ ޖިންސީ ފުރައްސާރަވެސް ފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަންހެނުންނަށް އިހާނެތި ބަސްތައް ރައްދުކުރުމާއި އަންހެނުންގެ އަބުރަށް އަރައިގަތުމުގައި ފިރިހެނުންނާއި އެއްފަދައިން އަންހެނުންގެ ފަރާތުންވެސް މިމަންޒަރު މިއަދު ފެންނަމުންދާކަން ރޮޒެއިނާ ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީގޮތުން އަންހެނުނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހު ކޮންމެ މީހަކުވެސް އަމާޒު ހިފަންވީ އަންހެނުންނަށް ސޯޝަލް މީޑިއާގައި ކުރަމުންދާ ފުރައްސާރަ ހުއްޓުވުމަށް ބާރު އެޅުމަށްކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭކަން މިބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ރޮޒެއިނާގެ ބަޔާނުގައި ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ޤައުމެއްގެ ގޮތުގައި ނިންމުންތައް ނިންމުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް އަންހެނުން ބާރުވެރިކުރުވުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. ސިޔާސީ ޕާޓީތަކަކީ އަންހެނުންގެ ދައުރު ސިޔާސީ މައިދާނުގައި އިއްވާ އަންހެނުން ބާރުވެރިކޮށް ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ އިސްމަޤާމުތަކަށް އަންހެނުންނަށް ވާޞިލުވުމަށް އޮތް އެންމެ ފަހި މަގުކަންވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ މައިދާނުގައި ހުރި އެއްބަސްނުވެވޭކަންކަމަށް އިޙްތިރާމްކޮށް އަސްލު މަޤްސަދުގައި މަސައްކަތްކުރަންޖެހޭކަމަށް މިބަޔާނުގައި ރޮޒައިނާ ވަނީ ގޮވާލައްވާފައެވެ. އަދި އަންހެނުންގެ ޙައްގުތައް ކަށަވަރުކުރުމަށް އަންހެނުން އެކަކު އަނެކަކަށް އެހީވުމުގެ ރީތި އާދަ މުޖުތަމަޢުގައި އަލުން އަށަގެންނެވުމަށްވެސް ރޮޒެއިނާ ވަނީ ގޮވާލައްވާފައެވެ.

ބައިނަލްއަޤުވާމީ އަންހެނުންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އަންހެނުންނަށް ކުރާ އެނިބާވަތުގެ އަނިޔާ ހުއްޓުވާ އަންހެނުންގެ ޙައްގުތައް ކަށަވަރު ކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް އަދި ޖަމިއްޔާ ޖަމާޢަތްތަކުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައެވެ. އދ.އިން މިދުވަސް ފާހަގަކުރުމަށް އެންމެ ފުރަތަމަ ނިންމާފައިވާ 2000 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.