ޚަބަރު

ތަރުބިއްޔަތާއި ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެނެވުމަށް މަސައްކަތްކުރަނީ


އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އޭ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަންގެ ރައީސް އަލްއުސްތަޛް އާދަމް ޝާމިލެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެޑިއުކޭޝަން މިނިސްޓްރީއާއި، އޭ.ސީ.ސީ ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާގުޅޭގޮތުން މިނިސްޓްރީއާއި އޭ.ސީ.ސީގެ ވެރިން ވަނީ މަޝްވަރާކުރައްވާފައެވެ.


އެޑިއުކޭޝަން މިނިސްޓްރީއާއެކު މި ވެވުނު އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ތަރުބިއްޔަތާއި ތަޢުލީމުގެ ތެރެއިން ނަޒާހަތްތެރިކަން އަށަގެނެވުމަށް އިސްތިރާތީޖީ ގޮތެއްގައި ގުޅިގެން މަސައްކަތްކުރުންކަމަށް އޭ.ސީ.ސީން ވިދާޅުވެއެވެ.

ދިވެހި މުޖުތަމަޢުއަކީ ކޮރަޕްޝަންގެ ޢަމަލުތަކުން ސަލާމަތްވެފައިވާ ނަޒާހަތްތެރި މުޖްތަމަޢަކަށް ހެދުމަށް އޭ.ސީ.ސީން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކަމާބެހޭ މުއައްސަސާތަކާ އާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ތަފާތު ހަރަކާތްތައް ހިންގަމުންދެއެވެ.

މިގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ނަޒާހަތްތެރިކަމަށް އަމާޒުކޮށްގެން އެންޓި-ކޮރަޕްޝަން ކޮންފަރެންސެއް މިދިޔަ މަހު ވަނީ ބައްވާފައެވެ. އަދި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމެއްގައި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހާ ދެމެދު ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހަމައެހެންމެ ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތުގެ ޤައުމީ ދިރާސާއެއް ކުރުމުގެ މަސައްކަތް ވިލާ ކޮލެޖާގުޅިގެން އޭ.ސީ.ސީން ވަނީ ފަށާފައެވެ.