ޚަބަރު

ކީވްގެ %60 މީހުން ދިރިއުޅެނީ ކަރަންޓާއި ފެނާ ނުލައި


ޔޫކްރެއިނުގެ ވެރިރަށް ކީވްއަށް ރަޝިޔާގެ އަސްކަރިއްޔާއިން ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން ކީވްގެ ބޮޑު ސަރަޙައްދަކުން ކަރަންޓާއި ފެނުގެ ޚިދުމަތް ކެނޑިއްޖެއެވެ. ރަޝިޔާއިން ކީވްގެ އިތުރުން ޔޫކްރެއިނުގެ މައި ރަށްތަކަށް ދެމުންދާ ކްރޫޒް މިސައިލް ހަމަލާތައް އަމާޒު ކުރަމުން ދަނީ އަސާސީ ޚިދުމަތްތައް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށެވެ.

ހަމަލާތަކުގައި ކީވްއަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުން ކުރާ ވަސީލަތްތަކަށް ލިބިފައިވާ ގެއްލުމާ ގުޅިގެން އެ ރަށުގެ 60 މީހުން މިހާރު ދިރިއުޅެމުން ދަނީ ކަރަންޓާއި ފެނުގެ ޚިދުމަތާ ނުލައެވެ. އެ މީހުންނަށް އަލުން ކަރަންޓާއި ފެނުގެ ޚިދުމަތް ގުޅައިދޭން ޔޫކްރެއިނުން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ކީވްގެ ހުރިހާ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މިހާރު ވަނީ ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެފައެވެ.

ޔޫކްރެއިނަށް މިހާރު ވަނީ ފިނިމޫސުމާ ކުރިމަތިލާން ޖެހިފައެވެ. ކަރަންޓު ނެތުމުން ފިނިމޫސުމުގައި ގެދޮރުގެ ފިނިހޫނުމިން މަތި ކުރުމަށް ކީވްގެ ރައްޔިތުންނަށް ވަނީ ދަތިވެފައެވެ. މި ކަމާ ގުޅިގެން އެތަކެއް މިލިޔަން ބަޔެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވަނީ އިންޒާރު ކޮށްފައެވެ.

އެތައް މިލިޔަން ބަޔަކަށް އަމިއްލަ ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމުގައި ވެސް ޑަބްލިޔު.އެޗް.އޯ.އިން ބުނެއެވެ. ރަޝިޔާއިން ކީވްއަށް އެންމެ ފަހުން ދިން ކްރޫޒް މިސައިލް ހަމަލާތަކުގައި ހަތް މީހުން މަރުވިއެވެ. އަދި ދެކުނުގައިވާ ޚާރްސަންއަށް ދިން ހަމަލާތަކުގައި ހަތަރު މީހުން މަރުވި ކަމުގައި އެ ރަށުގެ އޮފިޝަލުން ބުނެއެވެ. ޚާރްސަންއަކީ ރަޝިޔާ ސިފައިންގެ އަތްދަށުން މި މަހުގެ ކުރީކޮޅު މިނިވަން ކޮށްފައިވާ ސަރަޙައްދެކެވެ.

ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ރަޝިޔާއިން ޔޫކްރެއިނަށް 70 އަށްވުރެ ގިނަ ކްރޫޒް މިސައިލް ހަމަލާ ދީފައިވާ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. އަދި މި ހަމަލާތަކުގައި 50އަށްވުރެ ގިނަ މީހުން ޒަޚަމުވި ކަމުގައި ވެސް ކީވްގެ އޮފިޝަލުން ބުނެއެވެ. ނަމަވެސް، ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ ކީވްއަށް ހަމަލާދެމުން ނުދާ ކަމުގައެވެ.

ރަޝިޔާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހުއެވެ. މި ހަނގުރާމައަށް ނުވަ މަސް ފުރިފައިވާއިރު، އެތަކެއް ހާސް ބަޔެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ނަމަވެސް، ހަނގުރާމަ ކުރިއަށް ދިޔުމުގެ ސަބަބުން މަރުވި މީހުންގެ ފުރިހަމަ އަދަދު ސާފު ކުރަން ވަނީ ދަތިވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން ރަޝިޔާގެ ހަނގުރާމަ ކުށްވެރި ކުރަމުންދާއިރު، ވިލާތުގެ އިއްތިހާދުގެ ޤާނޫނު ހަދާ މަޖިލީހުން ދާދި ފަހުން ވަނީ ރަޝިޔާއަކީ ޓެރެރިޒަމަށް ވާގިވެރިވާ ދަޢުލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.