ދުނިޔޭގެ ވިޔަފާރި

އިލެކްޓްރިކް ވެހިކަލްތަކުން ޓެރިފް ކަނޑާލަން ފިލިޕީންސް އިން ނިންމައިފި


ތެލުގެ ޚަރަދު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ޑިމާންޑް އިތުރުކުރުމަށް އިލެކެޓްރިކް ވެހިކަލް، އީވީ އިން ނަގާ ޓެރިފް އުނިކުރުމަށް ފިލިޕީންސްގެ ރައީސް ފަރޑިނަންޑް މާކޯސް ޖޫނިއާ ޗެއާމަންކަން ކުރައްވާ އިންޓަ އޭޖެންސީ ޕެނަލަކުން ފާސްކޮށްފިއެވެ.

ޕެސެންޖަރ ކާރާއި ބަސް، ވޭން، ޓްރަކް، މޮޓޯސައިކަލް، އަދި ބައިސްކަލް ފަދަ އިލެކްޓްރިކް ވެހިކަލްތަކާއި އެތަކެތީގެ ބައިތަކުން ނަގާ ޓެރިފް 0 ޕަސެންޓަށް ކަނޑާލާނެ ކަމަށް އަންގާ އެކްޒެކްޓިވް އޯޑަރެއް މާކޯސް ނެރޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އިލެކްޓްރިކް ވެހިކަލްތަކުން މިހާރު އިމްޕޯޓް ޑިއުޓީ ނަގަނީ %5 އާއި %30 އާއި ދެމެދުގެ އަދަދަކަށެވެ.

މި އެގްޒެކެޓިވް އޯޑަރުގެ މަޤްޞަދަކީ މާކެޓް ސޯސްތައް ފުޅާކޮށް އިލެކްޓްރިކް ވެހިކަލް ގަތުމަށް ހިތްވަރު ދިނުމާއި، އިމްޕޯޓް ކުރާ ތެލަށް ބަރޯސާވުން މަދުކޮށް ހަކަތައިގެ ސެކިއުރިޓީ ރަނގަޅުކުރުމާއި، އެތެރޭގެ އިލެކްޓްރިކް ވެހިކަލް އިންޑަސްޓްރީގެ އިކޯސިސްޓަމް ކުރިއެރުވުން ކަމަށް އިކޮނޮމިކް ޕްލޭނިން ސެކްރެޓަރީ އާސެނިއޯ ބަލިސާކާން ވިދާޅުވިއެވެ.

ފިލިޕީންސްގެ ކޮންސިއުމަރުން މިހާރު އިލެކްޓްރިކް ވެހިކަލް އަށް 21،000 އާއި 49،000 އެމެރިކާ ޑޮލަރާއި ދެމެދުގެ އަދަދެއް ހޭދަކުރަން ޖެހޭއިރު، އާންމު އުޅަނދުތަކަށް 19،000 އާއި 26،000 އެމެރިކާ ޑޮލަރާއި ދެމެދުގެ އަގެއް ދައްކަންޖެހެއެވެ.

5 މިލިއަނަށްވުރެ ގިނަ ވެހިކަލް ފިލިޕީންސްގައި ރަޖިސްޓްރީކޮށްފައިވާއިރު، މީގެތެރެއިން އިލެކްޓްރިކް ވެހިކަލްގެ ގޮތުގައި ރަޖިސްޓްރީކޮށްފައި ވަނީ އެންމެ 9 ހާސް ވެހިކަލް ކަމަށް އެ ޤައުމުގެ ސަރުކާރުގެ ހިސާބުތަކުން ދައްކައެވެ. އަދި މި 9 ހާހުގެ ތެރޭގައިވެސް ގިނައީ ފަސިންޖަރުން އުފުލާ ވެހިކަލްތަކެވެ.

އަމިއްލަ އިލެކްޓްރިކް ވެހިކަލްތައް ހިއްސާކުރަނީ މާކެޓްގެ އެންމެ ޕަސެންޓެކެވެ. އަދި މި ވެހިކަލްތަކަކީ ވަރަށް މުއްސަނދި މީހުންގެ އަތުގައި ހުންނަ ވެހިކަލްތަކެއް ކަމަށްވެސް އެމެރިކާގެ އިންޓަނޭޝަނަލް ޓްރޭޑް އެޑްމިނިސްޓްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ފިލިޕީންސްގެ އޮޓޯމޯޓިވް ދާއިރާ އެންމެ ބޮޑަށް ބަރޯސާވެފައިވަނީ އިމްޕޯޓް ކުރާ ތެލުގެ މައްޗަށެވެ. އަދި ހަކަތަ އުފެއްދުމުގެ ބޭނުންތަކަށް އެ ގައުމުން ބޭރުން ތެލާއި ކޯލު ގަންނައިރު އެކަމުގެ ސަބަބުން އެ ތަކެތީގެ އަގު އުފުލިގެން ދިއުމުގެ ފުރުސަތު ބޮޑުވެއެވެ.