ޚަބަރު

ތާޕްސީގެ "ބްލާ" ގެ ފަސްޓް ލުކް ދައްކާލައިފި


ބޮލީވުޑް ތަރި ތާޕްސީ ޕަންނޫގެ ކުރިއަށް އޮތް ފިލްމު "ބްލާ" ގެ ފަސްޓް ލުކް ދައްކާލައިފިއެވެ.

އަންނަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ޒީ5 އިން ރިލީޒް ކުރަން ނިންމާފައިވާ މި ފިލްމުގެ ފަސްޓް ލުކް ދައްކާލާފައި ވަނީ ތާޕްސީ އެވެ. އަޖޭ ބާލް ޑައިރެކްޓް ކުރާ މިފިލްމު ލިޔެފައިވަނީ އަޖޭ އާއި ޕަވާން ސޮނީއެވެ.

ސައިކޮލޮޖިކަލް ތްރިލާއެއް ގޮތަށް ގެނެސްދޭ މި ފިލްމުގައި ކިޔައި ދޭނީ އަންހެނަކު އޭނާގެ އެއްމާބަނޑު ކޮއްކޮގެ މަރުގެ ހަޤީޤަތް ހޯދަން އުޅުމުމުގެ ތެރޭގައި އޭނާގެ ލޮލުގެ ފެނުން މަޑުމަޑުން ފުސްވަމުންދާ ގޮތާއި، އެ ދުވަސްތަކުގައި ހިނގާ ކަންތައްތަކެވެ.

މީގެ ފުރަތަމަ ލުކް ގައި ފެންނަނީ ތާޕްސީ ބަލަހައްޓައިގެން ހުންނައިރު އޭނާގެ ކުރިމަތިންވެސް ހަމަ ތާޕްސީ ފެންނަން ހުއްޓައެވެ.


ސްޕެނިޝް ފިލްމު "ޖޫލިއާސް އައިސް" ގެ މައްޗަށް އުފައްދާ މި ފިލްމަކީ ތާޕްސީގެ ޕްރޮޑަކްޝަން ހައުސް އައުޓްސައިޑާސް ފިލްމްސް އިން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ތާޕްސީ އެންމެ އަވަހަށް ފެންނާނީ ރާޖްކުމާރު ހިރާނީގެ ސޯޝަލް ޑްރާމެޑީ "ދުންކީ" އިންނެވެ. މިއީ ޝާހްރުކްޚާނާއެކު ތާޕްސީ ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ. ދާދި ފަހުން ދިން އިންޓިވިއުއެއްގައި ތާޕްސީ ބުނީ، ޝާހު އަށް އޭނާގެ ހިތުގައި އަބަދުވެސް ޚާއްސަކަމެއް އޮންނަ ކަމަށެވެ.

ޝާހު އާއި ތާޕްސީގެ އިތުރުން "ދުންކީ" އިން ބޯމަން އިރާނީ ވެސް ފެންނާނެއެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު 22 ވަނަ ދުވަހުއެވެ.