ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ޓޭބަލް ޓެނިސް ހޯލް ރައީސް ހުޅުއްވައިދެއްވައިފި


ކުޅިވަރުގެ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގައި މިހާތަނަށް ހަދާފައިވާ، ޖާގައިގެ ގޮތުން އެންމެ ތަނަވަސް ޓީޓީ ހޯލް "މާލެ ޓީޓީ ހޯލް" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ހުޅުއްވައިދެއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއާއި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަޙުމަދު މަޙުލޫފު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޓީޓީ ކުރިއެރުވުމަށް މަސައްކަތްކުރާ ފަރާތްތަކާއި ކުޅުންތެރިން ބައިވެރިވިއެވެ.

އަލަށް ހުޅުވީ ޖާގައިގެ ގޮތުން ތަނަވަސް ޓީޓީ ހޯލެކެވެ. މި ތަނުގައި ބާރަ ޓީޓީމޭޒު ހިމެނެއެވެ. ޓީޓީ ހޯލް ހުޅުއްވައިދެއްވުމަށްފަހު ރައީސްވަނީ، ކުޅުންތެރިންނާއެކު ޓީޓީ ކުޅުއްވާފައެވެ. މި ހަރަކާތުގައި ޓީޓީ ކުޅިވަރަށް ނިކުންނަ ގިނަ ތުއްތު ކުދިންތަކެއްވެސް ބައިވެރިވިއެވެ.

ސަރުކާރުން 2021 ވަނަ އަހަރު ވަނީ ޓީޓީ ހޯލެއް ހުޅުމާލޭގައިވެސް ހުޅުވާފައެވެ. އަދި މިއަހަރު ފުވައްމުލައް ސިޓީގައިވެސް ޓީޓީ ހޯލެއްވަނީ ހުޅުވާފައެވެ.

ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން ރާއްޖޭގައި ކުޅިވަރު ތަރައްޤީކޮށް ވަޞީލަތްތައް އިތުރުކޮށް ރާއްޖޭގެ ކުޅުންތެރިންނަށް ކުޅިވަރުގެ ދާއިރާއިން، ރާއްޖެއާ ރާއްޖެއިން ބޭރުން ފުރުޞަތުތައް އިތުރުކޮށްދިނުމަށް އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން މިހާތަނަށް ބައިނަލްއަޤްވާމީ ތަފާތު އެތައް ކުޅިވަރު މުބާރާތެއް ރާއްޖޭގައިވަނީ ބާއްވާފައިވެއެވެ.