ޚަބަރު

"ރައީސް ސާބިތުކޮށްދެއްވީ ކޯލިޝަން ދެމެހެއްޓެވުމުގެ ޤާބިލުކަން އެމަނިކުފާނުގެ ހުންނެވިކަން"


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ސާބިތުކޮށްދެއްވީ، ކޯލިޝަން ދެމެހެއްޓެވުމުގެ ޤާބިލުކަން އެމަނިކުފާނުގެ ހުންނެވިކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

2018ގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމަށް ވަޑައިގަތީ، އެމްޑީޕީ އިސްވެ އޮވެ އުފެއްދެވި ކޯލިޝަން ސަރުކާރަކާއެކުއެވެ. މި ކޯލިޝަންގައި ހިމެނެނީ އެމްދީޕީގެ އިތުރުން އަދާލަތު ޕާޓީއާއި، އެމްއާރްއެމްއާއި، ޖުމްހޫރީ ޕާޓީއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައީސް ވަނީ ކޯލިޝަން ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ ސަރުކާރެއްގައި މިހާތަަނަށް އެންމެ ގިނަ ދުވަހު ދެމިއޮތް ކޯލިޝަން ސަރުކާރުވެސް މެއެވެ.

ރައީސް އޮފީހުގައި ބާއްވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ، ކޯލިޝަން ލީޑަރުންނާއެކު ބާއްވަވާ ބައްދަލުވުންތައް ކުރިއަށް ދޭތޯ ސުވާލުކުރައްވާފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުޙައްމަދު ވިދާޅުވީ، ސަރުކާރު 4 އަހަރު ފާއިތުވެގެން ދިޔައިރު، ކޯލިޝަން ދެމެހެއްޓެވިދާނެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ސާބިތުކޮށްދެއްވާފައިވާކަމަށެވެ.

"އެކި ސިޔާސީ ޕާޓީތައް އުޅޭތީ ޚިޔާލުތަފާތުވާ ކަންތައްތަކެއްވެސް ހުރޭ. އެކަމަކު ކޯލިޝަން މިއަދާހަމައަށް ވެސް ދެމި މިއޮތީ ވަރަށް ބަދަހިކަމާ އެކީގައި." މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ ކޮންމެ ދުވަހަކު ރައްޔިތުންގެ ކަންކަމުގައި ރައީސްގެ ނިންމުންތަކަކީ ކޯލިޝަނާ މަޝްވަރާކޮށްގެން ނިންމާ ނިންމުންތަކެއް ނޫންނަމަވެސް، ރައީސްގެ ނިންމެވުންތަކަކީ ޤައުމަށް އެންމެ ފައިދާވާނެގޮތަށް ނިންމަވާ ނިންމުންތަކެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައްޔިތުންނާ ގުޅުންހުރި އެތައް ނިންމެވުމެއް ކޮންމެ ދުވަހަކުވެސް ނިންމަވާކަން ފާހަގަކުރައްވާ މިޢުވާން ވިދާޅުވީ، ބޮޑެތި ނިންމުންތައް ނިންމަވާއިރު ކޯލިޝަނުގެ ލަފާވެސް އެމަނިކުފާނު ހޯއްދަވާކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކޮށް ހުންނަވާ ޕާޓީ އެމްޑީޕީ އަކީ ސިޔާސީ ދާއިރާގަ އެންމެ ތަޖުރިބާހުރި ކާމިޔާބު ޕާޓީ. އެހެންވީމާ ކޯލިޝަނެއް ދެމެހެއްޓުމުގެ ގާބިލްކަން އެމަނިކުފާނުގެ އެބަހުރިކަން ތިބޭފުޅުންނަށް ތި ފެނިވަޑައިގަންނަވަނީ." މިއުވާން ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއްވެސް ކޯލިޝަނެއް ސަރުކާރު ނިމުމާއި ހަމައަށް ދެމިގެން ގޮސްފައެއްނުވެއެވެ. ނަމަވެސް މި ސަރުކާރަކީ މިހާ ދިގުމުއްދަތަކަށް ކޯލިޝަން ދެމި އޮތް ހަމައެކަނި ވެރިކަމެވެ.

ކޯލިޝަންގެ ބައިވެރިންގެ ތެރޭގައި އެކިކަހަލަ ރައްދުތައް ދެއްވައި ބަހުގެ ހަމަލާ ބަދަކުރެއްވި ނަމަވެސް ރައީސް ޞާލިހު މިކަންކަން ހައްލުކުރައްވައި އެއްބައެއްގެ ގޮތުގައި ކޯލިޝަން ދެމެހެއްޓުމަށް ކުރައްވާ މަސައްކަތާއި، ގެންގުޅުއްވާ ވިސްނުންފުޅަކީ އެމަނިކުފާނުގެ ކެތްތެރިކަމާއި، ދުރުވިސްނުންފުޅުގެ މިސާލެއްގެ ގޮތުގައި ކޯލިޝަންގެ ލީޑަރުންވެސް ދެކެވަޑައިގަންނަވައެވެ.

ކުރިއަށް އޮތް އިންތިޚާބުގައިވެސް ރައީސް ޞާލިހުގެ ވިސްނުން ފުޅަކީ މިހާރު އޮތް ކޯލިޝަނަކާއިއެކު އެއްބައިވަންތަ ސަރުކާރެއް ޤާއިމް ކުރުމެވެ. ކެތްތެރިކަމާއި، ހިކުމަތްތެރިކަމާއެކު ކޯލިޝަންގެ ވެރިކަމެއް ދަމަހައްޓައި، އެޔަގީންކަން އޮތް ހަމައެކަނި ލީޑަރަކީ ރައީސް ޞާލިހުކަން އެމަނިކުފާނު ވަނީ ސިޔާސީ ލީޑަރުންނަސް ކަށަވަރު ކޮށްދެއްވާފައެވެ.