ޚަބަރު

ފްލައިދުބާއީގެ ދަތުރުތަކާއެކު ދުނިޔޭގެ 250 މަންޒިލަކާއި އައްޑޫ ގުޅާލަދޭނެ


ފްލައިދުބާއީން އައްޑު ސިޓީއަށް ފަށާ ދަތުރުތަކާއެކު ދުނިޔޭގެ 250 ޤައުމަކާއި އައްޑޫ ގުޅާލަދޭނެކަމަށް ފްލައިދުބާއީގެ ރާއްޖޭގެ އެޖެންޓު އިނަރ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ޔޫއޭއީގެ ބަޖެޓް އެއަރލައިން ފްލައިދުބާއީން ދަނީ އަންނަ ފެބްރުއަރީމަހުގެ 4 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުގެ ސީދާ ދަތުރުތައް އައްޑުއަށް ފެށުމަށް ތައްޔާރުވަމުންނެވެ. ފްލައި ދުބާއީން އައްޑޫއަށް ދަތުރުތައް ފެށުމާއެކު، ދުވާލަކު އެއްފަހަރު ދުބާއީން ރާއްޖެއަށް ދަތުރުކުރާނެއެވެ. މި ދަތުރުތައް ކުރާނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން، ގަން އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ފްލައިދުބާއީން އައްޑޫއަށް ފަށާ ދަތުރުތަކާއި ގުޅޭގޮތުން އިނަރ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފިރާގް ވިދާޅުވީ ފްލައިދުބާއީން އައްޑޫއަށް ފެށުމަށް ތައްޔާރުވަމުންދާ ދަތުރުތަކާއެކު، ރާއްޖެއަށް މިހާރުވެސް ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ މަންޒިލްތަކާއި ގުޅާލެވޭނެ ކަމަށެވެ. އެގޮތުން ދުބާއީ އަކީ ހަބަކަށްވުމުން އެހެން އެއަރލައިންތަކުންވެސް ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް ފްލައިދުބާއީގެ ފްލައިޓުތަކުގައި އައްޑޫއަށް އާދެވޭނެކަން ފިރާގް ފާހަގަކުރެއްވިއެވެ.

ފްލައިދުބާއީއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 737 މެކްސް މަރުކައިގެ މަތިންދާބޯޓެކެެވެ. މިއީ 165 ގޮނޑީގެ ބޯޓުތަކެކެވެ.

ފްލައިދުބާއީގެ ދަތުރުތަކާއެކު ރާއްޖޭގެ ދެކުނަށް އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ޓިކެޓު ބުކް ކުރުމަށް މިހާރުވެސް ހުޅުވާލާފައިވާއިރު، ޑިމާންޑު ރަނގަޅުކަން އިނަރ މޯލްޑިވްސްއިން ހާމަކުރެއެވެ.

ފްލައިދުބާއީން އައްޑޫއަށް ފަށާ ދަތުރުތަކާއެކު ދެކުނުގެ އެހެން އެއަރޕޯޓުތަކަށް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައްކުރާނެކަމަށް އެއަރލައިނުން ހާމަކުރެއެވެ. މިއާއެކު ހުވަދު އަތޮޅަށާއި ލ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރިންނަށް ދަތުރުތައް ކުރެވޭނެއެވެ.