ޚަބަރު

ދަޢުވާނުކޮށް ބަންދުގައި 3 މަހު ބެހެއްޓޭގޮތަށް ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤުކުރައްވައިފި


ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ދައުވާނުކޮށް ބަންދުގައި ބޭތިއްބޭ މުއްދަތު އިތުރުކުރުމަށް ޖިނާއީ އިޖުރާޢަތު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރައްވައިފިއެވެ.

މި އިޞްލާޙުގެ ދަށުން، ކުށުގެ ތުހުމަތުގައިވާ މީހުން ބަންދުން ދޫކުރާއިރު ފުރުން މަނާކުރުމާއި ޕާސްޕޯޓު ހިފެހެއްޓުމާއި ގުޅޭ ގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބަދަލުގެނެސްފައިވެއެވެ. އަދި، ބަންދުގައިވާ މީހުންގެ މައްޗަށް ދަޢުވާކުރުމުގެ މުއްދަތާ ގުޅޭ ގޮތުން މިހާރު ޤާނޫނުގައި ކަނޑައަޅައިފައިވާ މުއްދަތުތަކަށް ބަދަލު ގެނެސްފައިވެއެވެ. މިބިލަށް ގެނައި އިސްލާހުތަކާއިއެކު މަޖިލީހުން ފާސްކޮށްފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

ބިލަށް ގެނައި އެންމެ މުހިންމު އިސްލާޙަކީ ފުލުހުން ތަހުގީގު ކުރަމުންދާ ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ބަންދާމެދު މިހާރު ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ބަދަލު ގެނައުމެވެ. މިހާރު ޤާނޫނުގައި ބުނާގޮތުން ޖިނާއި ބޮޑެތި މައްސަލަތަކުގައި މީހަކު ބަންދުގައި ބެހެއްޓޭނީ 75 ދުވަހަށެވެ. ނަމަވެސް ޤާނޫނަށް އަލަށް ގެނައި އިޞްލާހުގައި ވަނީ 90 ދުވަހަށް އެމީހަކު ބަންދުގައި ބެހެއްޓުމުގެ ފުރުސަތު ފުލުހުންނަށް ދީފައިވެއެވެ.

ޖިނާއީ ބޮޑެތި ކުށްތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހާގެ ތަހުގީގު މުއްދަތު އިތުރުކުރުމަށް ފުލުހުން ބޭނުންވާނަމަ ތަގުގީގުގެ މުއްދަތު 60 ދުވަހަށް އިތުރު ކުރުމަށްވެސް ކޮމެޓީން ވަނީ ފާސްކޮށްފައެވެ. މިހާރު ޤާނޫނުގައި އޮންނަނީ 45 ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން ޤާނޫނަށް ގެނައި އެހެން ބައެއް އިސްލާހުތަކުގެ ތެރޭގައި ހައިކޯޓަށް ހުށަހެޅޭ ބައެއް މައްސަލަތައް އެންމެ ފަނޑިޔާރަކަށްވެސް ބެލޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ. އަދި ދަށު ކޯޓުން ހުށަހަޅާ ބައެއް މައްސަލަތަކުގައިވެސް އެއް ފަނޑިޔާރަށްވެސް މައްސަލައާ މެދު ގޮތެއް ކަނޑައެޅިދާނެ ކަމަށާއި އެފަދަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ދަށު ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ ކުރިން ހުށަހެޅުން ހުށަހަޅާ މަރުހަލާގައި އެ ކޯޓަކުން ނިންމާ ނިންމުންތަކާއި ޝަރީއަތުގެ މަރުހަލާގައި ކޯޓަކުން ނެރެފައިވާ އަމުރެއްގެ އިސްތިއުނާފީ މައްސަލަތައް ކަމަށްވެސް ބުނެފައިވެއެވެ.

ޖިނާއީ އިޖުރާތު ޤާނޫނުގައި ބޮޑު ކުށެއްގެ ގޮތުގައި ކަނޑައެޅިފައިވާ ކުށްތަކުގެ ތެރޭގައި ހިމެނެނީ މީހަކު މެރުމުގެ ކުށް، ރޭޕްކުރުމުގެ ކުށް، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށް، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި ރިޝްވަތުގެ ކުށާއި ކޮރަޕްޝަންގެ ކުށެވެ.