ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ޝައޯމީ ކުންފުނީގެ އާމްދަނީ ދަށްވެއްޖެ

މިއަހަރުގެ 3 ވަނަ ކުއާޓަރުގެ އާމްދަނީ %9.7 ދަށްވެފައިވާކަމަށް ޗައިނާގެ ސްމާޓްފޯން އުފައްދާ ކުންފުނި ޝައޯމީ ކޯޕަރޭޝަނުން ބުދަދުވަހު ބުނެފިއެވެ.

ކަމާއިބެހޭ ފަރާތްތަކުން ބުނާގޮތުން ތިން ވަނަ ކުއާޓަރުގެ އާމްދަނީ ދަށްވެފައި ވަނީ ޗައިނާގައި އަނެއްކާވެސް ކޯވިޑުގެ ބަލިމަޑުކަން ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ސަބަބުން ކޮންސިއުމަރ ޑިމާންޑް ދަށްވެފައިވާތީއެވެ.

ތިން ވަނަ ކުއާޓަރުގައި ޝައޯމީ ކުންފުނީގެ ވިޔަފާރި 70.17 ބިލިއަން ޔުއާން އަށް އަރާފައިވާއިރު، މިއީ މީގެ އަހަރެއްހާ ދުވަސް ކުރިން ކުންފުންޏަށް ލިބުނު 78.063 ބިލިއަން ޔުއާން އަށް ވުރެ ދަށް އަދަދެކެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން 5.176 ބިލިއަން ޔުއާން އިން ލިބުނު އާމްދަނީ ވަނީ މި މުއްދަތުގައި %59.1 ދަށްވެ، 2.12 ބިލިއަން ޔުއާނަށް އަރާފައެވެ.

ޗައިނާގެ ކޮންސިއުމަރ ޑިމާންޑް ބަލިކަށިވެފައި ވަނީ އޮމިކްރޮން ވެރިއަންޓް ފެތުރުން ހުއްޓުވުމަށް ޗައިނާގެ ގާތްގަޑަކަށް ހުރިހާ ސިޓީތައް ފުރަބަންދުކުރުމުގެ ސަބަބުންނެވެ.

މި ކަމުގެ ސަބަބުން އިލެކްޓްރޯނިކްސް ދާއިރާއަށް ވަނީ ބޮޑު ގެއްލުމެއް ލިބިފައެވެ. ތިންވަނަ ކުއާޓަރުގައި ސްމާޓްފޯނު ޝިޕްމަންޓް ޗައިނާގައި %11 އަދި ދުނިޔޭގެ %9 ދަށްވެފައިވާ ކަމަށް ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ ކެނަލިސް އިން ބުނެއެވެ.

ޝައޯމީގެ ޖުމްލަ ވިޔަފާރީގެ ގާތްގަނޑަކަށް %60 ހިއްސާކުރާ ސްމާޓް ފޯނުތަކުން ލިބުނު އާމްދަނީ ވަނީ %11.1 އަށް ދަށްވެފައެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ކޮމްޕޯނެންޓްތައް ހޯދުމުގެ ގާބިލްކަމަށް ގެއްލުން ލިބިފައިވާ ވާދަވެރި ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑުގެ މާކެޓް ހިއްސާ 2021 ވަނަ އަހަރު ހޯދުމުން ޝައޯމީގެ ވިޔަފާރި ކުރިއެރިއެވެ.

ނަމަވެސް އެ ކުރިއެރުމަކީ ކުރު މުއްދަތަކަށް ލިބުނު ކުރިއެރުމެކެވެ. 2018 ވަނަ އަހަރު ލިސްޓްކުރި ފަހުން ފުރަތަމަ ފަހަރަށް ކުއާޓަރުގެ އާމްދަނީ ދަށްވެފައިވާކަމަށް މިދިޔަ މެއިމަހު ޝައޯމީއިން ވަނީ ރިޕޯޓުކޮށްފައެވެ. އޮގަސްޓް މަހު ދެވަނަ ކުއާޓަރުގެ އާމްދަނީ ވަނީ އަހަރުން އަހަރަށް ބަލާއިރު 20 އިންސައްތަ ދަށްވެފައެވެ.

ކުންފުނި ފުޅާކުރުމުގެ ގޮތުން ސްމާޓް ފޯނުގެ އިތުރުން އެހެން ވިޔަފާރިތައް ކުރުމަށްވެސް ޝައޯމީން ވަނީ މަސައްކަތް ފަށާފައެވެ. އެގޮތުން އިލެކްޓްރިކް ވެހިކަލް އުފައްދާނެކަމަށް މިދިޔަ އަހަރު ޝާއޯމީން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.