ޚަބަރު

ދިވެހި ރުފިޔާގެ ނިޝާނާއެކު ތައާރަފްކޮށްފައިވާ 50 ރުފިޔާގެ އަންނަމަހު ބޭނުންކުރަން ފަށަނީ


ދިވެހި ރުފިޔާގެ ނިޝާނާއެކު ތައާރަފްކޮށްފައިވާ 50 ރުފިޔާގެ އައު ނޫޓު ދައުރުވާ ފައިސާގެ ތެރެއަށް އަންނަ މަހުން ފެށިގެން ބޭނުންކުރަން ހަމަޖެހިފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އަލަށް ޗާޕުކޮށްގެން ނެރުނު 50 ރުފިޔާގެ ނޫޓުގެ ދެފުށުގައި، ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. މިގޮތަށް ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ ހިމަނާފައިވާނީ ނޫޓުގެ މޫނުމަތީގެ ވައާތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ މޫނު މަތީ އަގާއެކުއެވެ.

މި ނޫޓުގައި ސޮއިކޮށްފައިވަނީ އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމެވެ. އަދި މި ނޫޓުގައިވާ ތާރީޙަކީ 8 ސެޕްޓެމްބަރ 2022، 12 ސަފަރު 1444 ކަމަށްވެސް އެމްއެމްއޭއިން ހާމަކުރެއެވެ.
އަލަށް ޗާޕުކޮށްގެން ނެރޭ 50 ރުފިޔާގެ ނޫޓާއެކު މިހާރު ދައުރުވަމުންދާ 50 ރުފިޔާގެ ނޫޓުވެސް ދައުރުވަމުންދާނެ ކަމަށް އެމްއެމްއޭއިން ހާމަކުުރެއެވެ.

ދިވެހި ރުފިޔާގައި ބޭނުންކުރާނެ ނިޝާނެއް އެމްއެމްއޭއިން ކަނޑައަޅާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރާ ފައިސާގެ ނޫޓުތަކަކީ 2016 ވަނަ އަހަރު ތައާރަފްކޮށްފައިވާ ނޫޓު ސީރީޒެކެވެ. އައު ނޫޓް ސީރީޒްގެ ނޫޓްތަކަކީ ކުރިން ބޭނުންކުރި ނޫޓް ސީރީޒްތަކުގެ ނޫޓްތަކާ ޚިލާފަށް ރައްކާތެރި، ގެންގުޅެން ފަސޭހަ ޒަމާނީ ނޫޓްތަކެކެވެ.

މި ނޫޓްތަކުގައި އެކުލެވޭ ބައެއް ސެކިއުރިޓީ ފީޗާސްތަކަށް ބަލާއިރު، ރަންދިހަ ފަހެއްގެ ނޫޓުތަކަށް އަލްޓްރާ ވައިލެޓް އަލި އެޅުވުމުން ސީރިއަލް ނަމްބަރު ދިއްލޭނެއެވެ. އަދި އަލްޓްރާ ވައިލެޓް އަލީގައި ނޫޓްގެ މޫނުމަތީ އަގު ގޮޅިއެއްގައި ދިއްލިފައި ހުންނައިރު، މިއީ އާދައިގެ އަލީގައި ފެންނާނެ އެއްޗެއްނޫނެވެ.