ޚަބަރު

ރަޝިޔާއަކީ ޓެރެރިޒަމަށް ހިތްވަރުދޭ ދަޢުލަތެއް: ވިލާތުގެ ޤާނޫނު ހަދާ މަޖިލީސް


ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައަށް ނުވަ މަސް ފުރުމާ ދިމާކޮށް، ރަޝިޔާއަކީ ޓެރެރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ ދަޢުލަތެއްގެ ގޮތުގައި ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސް ކަމުގައިވާ ޔޫރަޕިއަން ޕާލިމެންޓް (އީ.ޕީ)އިން ކަނޑައަޅައިފިއެވެ. އީ.ޕީ.އިން މި ގޮތަށް ކަނޑައަޅާފައި ވީ ނަމަވެސް، މިއީ ރަމްޒީ ނިންމުކެކެވެ.

ރަޝިޔާއަކީ ޓެރެރިޒަމަށް ހިތްވަރުދޭ ދަޢުލަތެއްގެ ގޮތުގައި ކަނޑައަޅާފައި މި ވަނީ، ޔޫކްރެއިނުގެ ރަށްތަކަށް އަމާޒުކޮށް ރަޝިޔާގެ އަސްކަރިއްޔާއިން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ. ރަޝިޔާގެ އެންމެ ފަހުގެ ހަމަލާތައް އަމާޒު ކޮށްފައި ވަނީ ވެރިރަށް ކީވްގެ އިތުރުން އެ ޤައުމުގެ ދެކުނުގައިވާ މައި ރަށްތަކަށެވެ.

ކީވްއަށް ދެމުންދާ ހަމަލާތައް އަމާޒު ކޮށްފައި ވަނީ، ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތަކަށެވެ. މި ހަމަލާތަކާ ގުޅިގެން ކީވްގެ ބޮޑު ސަރަޙައްދަކުން ކަރަންޓުގެ ޚިދުމަތް ވަނީ ކެނޑިފައެވެ. ދެކުނުގައިވާ ޒަޕޮރީޜިޔާ ކައިރީގައި އޮންނަ ރަށެއް ކަމުގައިވާ ވިލްނިއެންސްކްއަށް ދިން ހަމަލާތަކުގައި ހޮސްޕިޓަލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

ރަޝިޔާގެ މިސައިލް ހަމަލާތައް އަރާފައި ވަނީ ވިލިނިއެންސްކްގެ ހޮސްޕިޓަލުގެ މާބަންޑު މީހުންނާއި ކުޑަކުދިންގެ ވޯޑު ހުންނަ ޢިމާރާތަށް ކަމުގައި ޔޫކްރެއިނުން ބުނެއެވެ. މި ހަމަލާތަކުގައި 10 މީހުން މަރުވިއެވެ. މީގެ ތެރޭގައި ތުއްތު ކުއްޖަކު ވެސް ހިމެނެއެވެ. އެ ޤައުމުގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން ޔޫކްރެއިނުގެ ކުޑަކުދިން ޤަތުލު ކުރަމުންދާ ކަމުގައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ވެސް ވަނީ ރަޝިޔާގެ އަމަލުތައް ކުށްވެރި ކޮށްފައެވެ. އަދި، ޔޫކްރެއިނުގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭން ބޭނުން ކުރާ ވަސީލަތްތަކަށް ހަމަލާ ދިނުމުގެ ސަބަބުން ހޮސްޕިޓަލްތަކުން ކަރަންޓު ކެނޑި، ޞިއްޙީ ޚިދުމަތްތައް ދިނުމަށް ބުރޫ އަރަމުންދާ ކަމުގައި އެ ޖަމުޢިއްޔާއިން ބުނެއެވެ.

މާރިޗު މަހުގެ ތެރޭގައި ވެސް ރަޝިޔާއިން ވަނީ ޔޫކްރެއިނުގެ ހޮސްޕިޓަލަކަށް މިސައިލް ހަމަލާއެއް ދީފައެވެ. މަރިޔުޕޯލްގައި ހުންނަ ހޮސްޕިޓަލަކަށް ދިން މި ހަމަލާގައި ތިން މީހުން މަރުވިއެވެ. ކީވްއާއި ބޮޑެތި ރަށްތަކަށް ރަޝިޔާއިން ދެމުންދާ ހަމަލާތަކާ ގުޅިގެން 10 މިލިޔަނަށް ވުރެ ގިނަ މީހުން މިހާރު ދިރިއުޅެމުން ދަނީ ކަރަންޓުގެ ޚިދުމަތާ ނުލައި ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ.

ޔޫކްރެއިނުގެ އިރުމަތީގައިވާ ޚާރްކިވްއަށް ރަޝިޔާ ސިފައިން ދެމުންދާ ހަމަލާތަކުގައި ޞިއްޙީ ފަރުވާދޭ ކުލިނިކަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ. ޢާންމުން ދިރިއުޅޭ ޢިމާރާތަކާއި ކުލިނިކަށް އަމާޒުކޮށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކުގައި ދެ މީހުން މަރުވިއެވެ.

ޑަބްލިޔު.އެޗް.އޯ.އިން ބުނީ، ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި 700އަށްވުރެ ގިނަ ފަހަރު ހޮސްޕިޓަލްތަކާއި ޞިއްޙި ފަރުވާދޭ އެހެން މަރުކަޒުތަކަށް ހަމަލާ ދީފައިވާ ކަމުގައެވެ. "މި ހަމަލާތަކާ ގުޅިގެން ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކުގެ ޚިދުމަތްތަކަށް ވަނީ ބުރޫ އަރާފައި. އެއްވެސް ތަނެއްގައި އެންމެ ފުރިހަމައަށް ޚިދުމަތް ފޯރުކޮށެއް ނުދެވޭ،" ވިލާތުގެ ޤައުމުތަކުގައި ހުންނަ ޑަބްލިޔު.އެޗް.އޯ.ގެ ސަފީރު ހާންސް ކްލޫގާ ވިދާޅުވިއެވެ.