ކުޅިވަރު

ކެނެޑާ އަތުން ބެލްޖިއަމަށް އުނދަގޫ މޮޅެއް


ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި ބެލްޖިއަމުން ކުޅުނު ފުރަތަމަ މެޗުގައި ކެނެޑާގެ މައްޗަށް ކުރިހޯދައިފިއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު ބެލްޖިއަމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކެނެޑާއަށެވެ. ބެލްޖިއަމްގެ އޭރިއާ ތެރެއިން އެ ޓީމުގެ ޔަނިކް ކަރެސްކޯގެ އަތުގައި ބޯޅަ ޖެހުމުން ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ކެނެޑާއަށް ޕެނަލްޓީއެއް ދީފައެވެ. އެކަމަކު ކެނެޑާގެ އަލްފަންސޯ ޑޭވިސް ފޮނުވާލި ޕެނަލްޓީ ބެލްޖިއަމްގެ ކީޕަރު ޓިބައޯ ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެލްޖިއަމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަޓްޝުއާއީއެވެ.

މެޗުގެ ދެވަނަ ހާފުގައި ކެނެޑާއަށް ވަނީ ނަތީޖާ ހަމަހަމަ ކުރަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ކެނެޑާގެ ސްޓެފަން އެސްޓަކިއޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކައިރިން ބޭރަށެވެ. އަދި މެޗު ނިމެން ދަނިކޮށް ކެނެޑާގެ ކައިލް ލަރެން ފޮނުވާލި ނުރައްކާތެރި ހަމަލާގެ ހުރަހަކަށްވީ ކޯޓުއާއެވެ.

މި ނަތީޖާއާއެކު ގްރޫޕް އެފްގެ އެއްވަނައިގައި އޮތީ ބެލްޖިއަމެވެ. ދެވަނަ އަދި ތިންވަނައިގައި އޮތް ކްރޮއޭޝިއާ އާއި މޮރޮކޯއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ.