ކުޅިވަރު

މޮރޮކޯއިން ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފި


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯއިން ކްރޮއޭޝިއާ މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ 17 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޕެރިސިޗް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭނާ އޭރިޔާ ބޭރުން ފޮނުވާލި ހަމަލާ ގޯލު ދަނޑިކައިރިން ދިޔައީ ބޭރަށެވެ. އޭގެ ފަހުން މެޗުގެ 34 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ ޖްރޮނޮވިޗް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެކަމަކު އޭނާ ބޮލުން ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ މޮރޮޚޯގެ ކީޕަރެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ކްރޮއޭޝިއާގެ ވްލާސިޗް ފޮނުވާލި ހަމަލާ މޮރޮކޯގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 51 ވަނަ މިނެޓުގައި މޮރޮކޯ ކުޅުންތެރިން ވަނީ ކްރޮއޭޝިއާގެ އޭރިއާގެ ތެރެއިން އެ ޓީމު ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުން ކަމަށް ބުނެ ވަރަށް ބޮޑަށް އެޕީލްކޮށްފައެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ ބެލުމަށްފަހު ރެފްރީ ވަނީ އެއީ ޕެނަލްޓީއެއް ނޫން ކަމަށް ނިންމާފައެވެ.

މި ހާފުގައި މޮރޮކޯގެ ހަކީމް ޒިޔެޗް އާއި އަޝްރަފް ހަކީމީއަށް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.