ޚަބަރު

ހައިކޯޓާއި ކްރިމިނަލް ކޯޓު އަންނަ މަހު ރިސެސްއަށް


ދިވެހިރާއްޖޭގެ ހައިކޯޓާއި ކްރިމިނަލް ކޯޓު އަންނަ މަހު ރިސެސްއަށް ދިއުމަށް ނިންމައިފިއެވެ.

ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވަނީ އަންނަ މަހުގެ 31އާއި ހަމައަށް އެ ކޯޓުތައް ރިސެސްއަށް ދިއުމަށެވެ. އެގޮތުން ރިސެސްގެ މުއްދަތުގައި ހަމައެކަނި ކުރިއަށްގެންދާނީ ކޮންމެހެން ބާއްވަންޖެހޭ ޚާއްސަ ޝަރީއަތްތަކުގެ އަޑުއެހުންތައް އެކަނި ކަމަށް އެ ކޯޓުތަކުން ވަނީ ނިންމާފައެވެ.

އެގޮތުން ކްރިމިނަލް ކޯޓުން ވިދާޅުވީ ރިސެސްއަށް ދިޔަނަމަވެސް ޖިނާޢީ ބޮޑެތި މައްސަލައަކާއި، ބަންދާމެދު ގޮތެއް ނިންމުމާއި ކޯޓު ޢަމުރު ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.


ހައިކޯޓުން ވިދާޅުވީ، ރިސެސްއަށް ދިޔަނަމަވެސް ޤާނޫނުގައި ވަކިމުއްދަތެއްގެ ތެރޭގައި ނިންމުމަށް ކަނޑައެޅިފައިވާ ބާވަތުގެ މައްސަލަތައް އެ މުއްދަތުގައިވެސް ކުރިއަށްދާނެކަމަށެވެ. އަދި ހުކުމް ކުރުމަށް ބާއްވާ ޝަރީޢަތުގެ މަޖިލިސްތަކާއި، އަވަސް ޠަބީޢަތުގެ މައްސަލަތަކާއި، އަވަސްކޮށް ހިންގަންޖެހޭކަމަށް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗަށް އެއްބަސްވެވޭ މައްސަލަތައްކަމަށްވެސް ކުރިއަށްދާނެކަމަށް ހައިކޯޓުން ވިދާޅުވިއެވެ.

އާންމު ގޮތެއގައި ސުޕީރިއަރ ކޯޓުތައް ޑިސެމްބަރު މަހު ރިސެސްއަށް ދާނެއެވެ.