ޚަބަރު

މިއީ ހޭލުންތެރި ޖީލެއް ބިނާކުރުމުގެ ފެށުން، ނަތީޖާ ފެންނާނެ - ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


ހިލޭ ޑިގްރީ ޕްރޮގްރާމާއި ސަރުކާރުން މަތީ ތަޢުލީމުގެ ދާއިރާއިން ފަށާފައިވާ މަސައްކަތްތަކަކީ، އޭގެ ނަތީޖާ ކުރިމަގުގައި ޤައިމީ ނިންމުންތަކާ ފަރުދުންގެ އާއްމު ދިރިއުޅުމުގައިވެސް ފެންނާނެ ބިޔަ މަސައްކަތެއްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙިމް ޙަސަން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި މިނިސްޓަރ ވަނީ މަތީ ތަޢުލީމުގެ ދާއިރާއިން ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވާފައެވެ.

ސަރުކާރުގެ 100 ދުވަހުގެ ވަޢުދުގައި ހިމަނައިގެން އެންމެ ފުރަތަމަ ފެށި މަސައްކަތަކަތީ، ހިލޭ ޑިގްރީ ފުރުޞަތެވެ. ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޑރ. އިބްރާޙިމް ޙަސަން ވިދާޅުވީ، ހިލޭ ޑިގްރީ ޕްރޮގްރާމްގައި މިހާތަނަށް 15500 އަށްވުރެ ގިނަ ދަރިވަރުންނަށް އެހީ ދެމުން އަންނަކަމަށެވެ. އަދި ވޭތުވެދިޔަ 3 އަހަރުތެރޭ ރާއްޖެއިން ބޭރުގެ ސްކޮލަރޝިޕްތަކަށް ހުޅުވާލި ފުރުޞަތުގައި، 1313 ދަރިވަރަކު ރާއްޖެއިން ބޭރުގައި ތަޢުލީމު ޙާސިލްކުރަމުންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ވަޒީފާގެ ބާޒާރު އޮތް ގޮތް ދެނެގަތުމާއި، ވަޒީފާގެ ބާޒާރަށް މީހުން ބޭނުންވާ ދާއިރާތައް ދެނެގަތުމުގެ އެސެސްމަންޓެއް ހަދާފައިވަނީވެސް މި ދައުރުގައިކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ މަޢުލޫމާތު އެއްކޮށްފައިވަނީ ސަރުކާރުގެ ވަޒީފާތަކަށް ތަޢުލީމާއި ތަމްރީން ލިބިފައިވާ މީހުން ބޭނުންވާ މިންވަރާ ގުޅޭގޮތުންނެވެ. ނަމަވެސް މީގެއިތުރުން ރާއްޖޭގެ އިތުރު 4 ސިނާއަތަކަށް ދިވެހިން ބޭނުންވާ މިނިވަރު ދެނެގަތުމުގެ ސަރވޭވެސް މިހާރު ކޮށްފައިވާކަމަށެވެ. މީގެތެރޭގައި ފަތުުރުވެރިކަމާއި، އުމްރާނީ ތަރައްޤީގެ ދާއިރާއާއި، އައި.ސީ.ޓީ އަދި ދަނޑުވެރިމުގެ ދާއިރާ ހިމެނެއެވެ.

މި މަސައްކަތަށް ބާރު ދިނުމުގެގޮތުން، ތަމްރީނާއި ތަޖުރިބާ ލިބިފައިހުރި ޒުވާނުން އުފެއްދުމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ. މިނިސްޓަރ ވިދާޅުވީ، ސަރުކާރުން މި ފަށާ މަސައްކަތްތަކަކީ ކުރިމަގުގައި މަތީ ތަޢުލީމުގެ ދާއިރާއިން އިންޤިލާބީ ބޮޑެތި ބަދަލުތައް ރާއްޖެއަށް ގެންނާނެ ކަމެއްކަމަށެވެ.

އެގޮތުން މަތީ ތަޢުލީމުގެ ޤާނޫނާއި، އަދި ރާއްޖޭގެ އަތޮޅުތަކުގައި ތަޢުލީމާއި ތަމްރީން ލިބޭނެ މަތުކަޒުތައް ޤާއިމުކުރުމަކީ މުޅި ރާއްޖެއަށް މަތީ ތަޢުލިމު ފުޅާކުރަން ކުރާ ބޮޑު މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަތޮޅުތަކުގެ 6 ރަށެއްގައި މަތީ ތަޢުލީމަށް ކިޔަވާ މަރުކަޒު ހިއްގުމަށް ނިންމާ، އޭއާއި ގުޅުންހުރި މަސައްކަތްތައް ސަރުކާރުން ވަނީ ފަށާފައެވެ.

މީގެތެރޭގައި ޓިވެޓް ސެންޓަރު، ޖޫނިއަރ ކޮލެޖު އަދި ޕޮލިޓެކްނިކްގެ ސެންޓަރުތައް ހެދުން ހިމެނެއެވެ.

މިނިސްޓަރ ވިދާޅުވީ، މިއީ ރާއްޖޭގެ ތަރައްޤީގެ މަސައްކަތުގެ އައު ފެށުމެއްކަމަށެވެ. މަސައްކަތްތައް ނިިމި، ތަޢުލީމާ ތަމްރީން ލިބިފައިވާ ޒުވާނުން އެކި ދާއިރާތަކަށް ނިކުންނަން ފެށުމާއެކު އޭގެ ހެޔޮ ބަދަލު މުޅި ޤައުމުންވެސް ފެންނާނެކަމަށެވެ.

"އޭރުން މުޖުތަމަޢުއަށް ނިކުންނާނީ ހަމައެކަނި ސަަނަދުވެރިންނެއް ނޫން. ތަންދޮރި ދަންނަ، ދުނިޔެއަށް ލޫހުޅުވިފައިވާ ޖީލެއް. ޤައުމުގެ ކަންކަން ނިންމުމާއި، ވޯޓުލުމާއި އަދި އާއްމު ދިރިއުޅުމުގެ ކަންކަން ނިންމުމުގައިވެސް ހޭޅުންތެރި ނިންމުންތަކެއް ފެންނާނެ" މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ބޭރުގެ ޤައުމުތަކުގެ އެހީގައިވެސް ދިވެހިންނަށް ތަޢުލީމީ ގިނަ ފުރުޞަތުތައް ހޯދައިދެމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ބޭރުގެ 134 ސްކީމެއްގެ ތެރެއިން 412 ދަރިވަރުން ތަޢުލީމު ޙާސިލްކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އިތުރު 41 ގަޢުމަކާ މިދިޔަ އެއް އަހަރު މަޝްވަރާކޮށް، 16 ޤައުމަކާއެކު މަތީ ތަޢުލީމުގެ ދާއިރާއިން އެމްއޯޔޫގައި ސޮއިކޮށްފައިވާކަމަށް ކޮމެޓީއަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވިއެވެ.