ޚަބަރު

ބަޖެޓަށް ވާދަވެރި ހޫނު ބަހުސްތަކެއް، ފާސްކުރުން ހޯމަ ދުވަހު


އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އަންނަ ހޯމަ ދުވަހު ފާސްކުރުމަށް މަޖިލީހުން އަމާޒުކޮށްފިއެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މިހާރު ވަނީ ކޮމިޓިން ދިރާސާކޮށް ނިންމާފައެވެ. އަދި މެންބަރުންވެސް ވަނީ ކޮމިޓީ ރިޕޯޓަށް ވާހަކަފުޅު ދައްކަވާފައެވެ. ބަޖެޓްގެ ބަހުސްގެ މަރުހަލާގައި ފެނިގެންދިޔައީ ސަރުކާރުގެ މެންބަރުންނާއި އަދި އިދިކޮޅު މެންބަރުންގެ ވާދަވެރި ރޫހެކެވެ.

ބަޖެޓަށް ތާއީދުކުރައްވައި ވާހަކަފުޅު ދެއްކެވި މެމްބަރުން ވަނީ، ބަޖެޓަށް ފާޑުކިޔާ މީހުންނަށް އެ ބަޖެޓުގައި ހުރި އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިނުވާކަމަށް ވިދާޅުވެފައެވެ. އެގޮތުންކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބަޖެޓަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާ މެމްބަރުންގެ އެންމެބޮޑު ނުތަނަވަސް ކަމެއްއޮތީ އަތޮޅު ތެރެއަށް މި ސަރުކާރުން ތަރައްޤީ ގެނެސްދެއްވުންކަމަށެވެ.

"އަޅުގަނޑުމެން މިދެކެނީ ދުވަހަކުވެސް ރާއްޖޭގެ ތާރީހުގައިވެސް އަދި އަޅުގަނޑުމެންގެ ކާބަފައިންވެސް ހުވަފެނަކުންވެސް ދެކެފަ ނުވާ ތަރައްޤީ. ރަށްރަށުގައި އެދަނީ ފެނާ ނަރުދަމާ އެޅެމުން. ރަށްރަށުގައި އެދަނީ ގެސްޓް ހައުސްތަކާއި އެނޫންވެސް އުމްރާނީ ތަރައްޤީ ވަމުން. ރައީސް ވެފައިވާ ވައުދުތައް ފުއްދަމުން. ރާއްޖެތެރެއަށް ތަރައްޤީ އަންނަމުންދާއިރު ބައެއް ބޭފުޅުން ހިތްހަމަ ނުޖެހިދާނެ. އެއީ އެކަން އޮންނާނެގޮތް. ނަމަވެސް ރާއްޖެއަށް މިއަންނަނީ ރަންޒަމާނެއް. ޚާއްސަކޮށް އަތޮޅު ތެރެއަށް" ކެލާ ދާއިރާގެ މެމްބަރު ޝަރީފް ވިދާޅުވިއެވެ.

މި ބަހުސް މަރުހަލާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ މެމްބަރުންނައި، ބަޖެޓަށް ތާޢީދުނުކުރައްވާ މެންބަރުން ވިދާޅުވީ މި ބަޖެޓުން ސަރުކާރުން ބޭނުންވާ ކަންކަން ހާސިލް ނުވާނެކަމަށެވެ. އެގޮތުން ބަޖެޓަށް ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އިވާ އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދޭނެ ބަޖެޓަކަށް މިބަޖެޓް ނުވާކަމަށެވެ. އީވާ ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ ވިޔަފާރީގެ ތެރެއަށް ވަންނަމުން އަންނަކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

"އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާއި ޚިލާފަށް ސަރުކާރު ކުންފުނިތައް މިހާރު ވިޔަފާރި ކުރާ ތަނަކަށްވެއްޖެ. ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުސާރަ ދީފައި އިޤްތިޞާދު ހަމަޖެހުނީއޭ މި ބުނަނީ. އިއްޒަތްތެރި ރައީސް، އަމިއްލަ ކުންފުނިތަކުވެސް ބޭނުންވާނެ އެމީހުންގެ މުވައްޒަފުންނަށް މުސާރަދެވެން. އެމީހުންވެސް ބޭނުންވާނެ އާމްދަނީ. އެމީހުންވެސް ބޭނުންވާނެ މަސައްކަތް. އެމީހުންގެ ހުރިހާ މަސައްކަތެއް ސަރުކާރު ކުންފުނިތަކުން ކޮށްފައި މިބުނަނީ އީޤްތިޞާދު ހަމަޖެއްސީއޭ." އީވާ ވިދާޅުވިއެވެ.

ބަޖެޓަށް ފާޑުވިދާލުވެ ވާހަކަފުޅު ދައްކަވަމުން ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވީ، ސަރުކާރުން އަންދާޒާކުރާ ޢަދަދަށް ހިލޭ އެހީއާއި ބޭރު ފައިސާ ނުލިބޭކަމަށެވެ. އެކަމުގެ ސަބަބުން ޑޮލަރުގެ އަގު އުފުލެމުން އަންނަކަަމަށް ސައީދު ވިދާޅުވިއެވެ.

"މިއަދު ބާޒާރަށް ނުކުތުމުން 17.30ރ ޑޮލަރެއް މި ލިބެނީ. މި ޢަދަދަށް ދެން ފައިސާ ޕްރިންޓުކޮށްގެން ދެބް ހިލޭ އެހީ ހޯދައިގެންދެން ލޯން ނަގައިގެން މާކެޓަށް ފައިސާ ދޫކުރީމަ އިއްޒަތްތެރި ރައީސް އަންނަ އަހަރު ނިމޭއިރުގަ ނުވަތަ އަންނަ އަހަރުގެ މެދުތެރެއަށްދާއިރު 18.60ރ އަށްނުވަތަ 19ރ އަށް ޑޮލަރެއްގެ އަގު އެޖެހެނީ. " މާވަށު ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

އެ މެމްބަރުންގެ ވާހަކަތަކަށް ރައްދު ދެއްވައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރިކަރެންޓް ޚަރަދު ބޮޑުވެގެން ވާހަކަ ދައްކާއިރު ރިކަރެންޓް ޚަރަދަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މުސާރައާއި، ތަރައްޤީގެ މަޝްރޫޢުތަކަށް ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ބަޖެޓުގައި ރާއްޖޭގެ ހުރިހާ ރަށަކަށް، އަސާސީ އަދި ޢުމްރާނީ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާކަމަށެވެ. ބޯހިޔާވަހިކަމުގެ މަޝްރޫއުތައް މުޅި ރާއްޖެއިން ދަނީ ފެންނަމުން ކަމަށާއި، އަންނަ އަހަރަށް ލަފާކޮށްފައިވާ ޕްރޮޖެކްޓްތައް ނިންމާލުމުން ރާއްޖެއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް އަމާޒު ހިފާފައި މިއޮތީ އަދި މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް. ދިވެހި ރައްޔިތުންގެ ލާބަޔާއި މަންފާއަށް. އެރައްޔިތުންނަށް ފާގަތި ކަމާއި ތަނަވަސްކަން ލިބޭނެ ގޮތަކަށް ސިޔާސަތުތައް ތަންފީޒު ކުރުމަށް. މިމަގުން ރާއްޖެ ކުރިއަށްދާއިރު މިއަދު ރާއްޖެ ދެކެމުން މިދާ ތަރައްޤީއަކީ މީގެ ކުރިން ދުވަހަކުވެސް ރައްޔިތުން ނުދެކޭ ތަރައްޤީއާއި ކުރިއެރުން. އަދި ރާއްޖޭގައި ސުލްހަ މަސްލަހަތާއި ހަމަޖެހުން މިވަނީ މީގެ ކުރިން ގާއިމްވެފައި ނުވާ މިންވަރަށް ގާއިމްވެފަ." އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވިދާޅުވީ ބަޖެޓުގައި ހިމަނާފައިވަނީ ތަންފީޒު ކުރެވޭނެ އަތޮޅު ތެރޭގެ ތަރައްޤީއާއި ގުޅިފައިވާ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ ރައްޔިތުންނަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާނެ އުންމީދީ ބަޖެޓެއް ކަމަށް ސަނީފް ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަކީ ދިވެހިރާއްޖެ ދުށް އެންމެ ގިނަ ތަރައްޤީގެ މަޝްރޫޢު ހިންގާ ސަރުކާރު. އެހެންވީމާ މިއަދު ބައެއް މީހުންނަށް މިކަމާއި ހަޖަމް ނުވެގެން އުޅޭތީ މިކަމާއި ވަރަށް ދެރަވޭ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި 2023 އިތުރު ދައުރެއް ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް އަޅުގަނޑުމެން މިތިބީ ތައްޔާރަށް." ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވިދާޅުވިއެވެ.

ބަޖެޓް ކޮމެޓީން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރުމަށް އެދިވަޑައިގެންފައިވަނި 37 މެމްބަރުންނެވެ. ބަޖެޓުގެ ވޯޓަށް އަހާނީ ވާހަކަ ދައްކަން އެދިވަޑައިގެންފައިވާ މެމްބަރުން ވާހަކަ ދައްކައި ނިންމުމަށްފަހުކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އަންނަ ހޯމަ ދުވަހު ބަޖެޓު ފާސްކުރުމަށް ވޯޓަށް އަހަން އަމާޒުކޮށްފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމެޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު ވަނީ ބަޖެޓަށް 160 މިލިޔަން ރުފިޔާ އިތުރުކޮށްފައެވެ. އެހެންކަމުން މިހާރު އަންނަ އަހަރުގެ ބަޖެޓުގެ ޖުމްލަ ޢަދަދަކީ 42.8 ބިިލިޔަން ރުފިޔާއެވެ.