ދުނިޔޭގެ ވިޔަފާރި

ކުރިއަށް އޮތް ދުވަސްތަކުގައި އައިފޯނު ލިބުން ދަތިވާނެ: ބެސްޓް ބައި

ވައިރަސް އަކާއި ހެދި ޗައިނާގެ ކާރުހާނާއެއްގައި އައިފޯނު އުފެއްދުމުގެ މައްސަލަތަކަކާއޮ ކުރިމަތިލާން ޖެހުމުގެ ސަބަބުން އެޕަލްގެ ފަހުގެ އުފެއްދުންތައް ކުރިއަށް އޮތް ދުވަސްތަކުގައި ފިހާރަތަކުން މަދުވާނެކަމަށް އެމެރިކާގެ އިލްކެޓްރޯނިކް ކުންފުނި ބެސްޓް ބައިގެ ކޯގެ ޗީފް އެގްޒެކެޓިވް، ކޮރީ ބެރީ އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޒީރޯ ކޯވިޑު ސިޔާސަތުގެ ސަބަބުން ޗައިނާގައި ހުންނަ އެޕަލްގެ ފޮކްސްކޮންގް ޒެންގްޒޯ ކާރުހާނާ އުފެއްދުންތެރިކަން ބޮޑުތަނުން ކުޑަވުމުން އެ ކުންފުނީގެ ފްލެގްޝިޕް ޕްރޮޑަކްޓްގެ ޝިޕްމަންޓް ލަސްވާނެކަމަށް މި މަހުގެ ކުރީކޮޅު އެޕަލްއިން ވަނީ ބުނެފައެވެ.

ސަޕްލައި މައްސަލަތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރާނީ އެޕަލްގެ ޕްރީމިއަމް އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް މޮޑެލްތަކަށްކަމަށް ބެލެވޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އެޕަލްގެ އައިފޯނާއި އެހެނިހެން އުފެއްދުންތައް ގަންނަން ގިނަ ކަސްޓަމަރުން ބެސްޓް ބައި ފިހާރަތަކުން ޚިދުމަތް ހޯދައެވެ.

ދިރާސާކުރާ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ބްލެކް ފްރައިޑޭ ހަފްތާ ބަންދުގައި އައިފޯން 14ގެ 8 މިލިއަން ޔުނިޓް ވިކޭނެއެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް ދެ މިލިއަން މަދު އަދަދެކެވެ. މީގެއިތުރުން އެޕަލްގެ އަމިއްލަ ފިހާރަތަކުގައި އައިފޯނުތަކުގެ އިންވެންޓްރީ މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ގާތްގަނޑަކަށް %25 ދަށްވެފައިވާކަމަށްވެސް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.