ޚަބަރު

މިމަހު ފަތުރުވެރިން ޒިޔާރަތްކުރި އަދަދު ކޯވިޑުގެ ކުރިއާ އަޅާބަލާއިރު %.7.4 އިތުރު


މިމަހުގެ މިހާތަނަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އަދަދު، ކޯވިޑުގެ ކުރިން 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހާއި އަޅާބަލާއިރު 7.4 އިންސައްތަ އިތުރުކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ 'ޓޫރިޒަމް އަޕްޑޭޓް' ރިޕޯޓުގައިވާ ގޮތުން މިމަހުގެ 22 ވަނަ ދުވަހުގެ ނޔަލަށް ރާއްޖެއަށް 102633 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ކޯވިޑްގެ ކުރިން، 2019 ވަނަ އަހަރު މި މުއްދަތުގައި ރާއްޖެއަށް 95536 އައިސްފައިވާއިރު، މިއީ 2019 ވަނަ އަހަރާއި އަޅާބަލާއިރު 7.4 އިއްސަންތަ އިތުރު އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 1446990 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި 1112856 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 30 އިންސައްތަ އިތުރު އަދަދެކެވެ. އަދި ކޯވިޑް ކުރިން 2019 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކޮށްފައިވާ 1489154 ފަތުރުވެރިންނާއި އަޅާ ބަލާއިރު، 2.8 އިންސައްތަ ދަށް އަދަދެކެވެ.

އަހަރުގެ މިހާތަނަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު:

- ޖެނުއަރީ – 131764 ފަތުރުވެރިން
- ފެބްރުއަރީ – 149008 ފަތުރުވެރިން
- މާރިޗު – 150748 ފަތުރުވެރިން
- އޭޕްރީލް – 145280 ފަތުރުވެރިން
- މެއި – 125522 ފަތުރުވެރިން
- ޖޫން – 110889 ފަތުރުވެރިން
- ޖުލައި – 133561 ފަތުރުވެރިން
- އޮގަސްޓް – 131862 ފަތުރުވެރިން
- ސެޕްޓެމްބަރ – 111986 ފަތުރުވެރިން
- އޮކްޓޯބަރު – 153737 ފަތުރުވެރިން
- ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް – 102633 ފަތުރުވެރިން

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރެއިން، އަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ އިންޑިއާއިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ މިހާތަނަށް އިންޑިއާއިން 199219 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 14 އިންސަތަކަމަށް އެމިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރަޝިއާއިން 174601 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ 12.3 އިންސައްތަކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 4854 ފަތުރުވެރިން އާދެއެވެ. ސަރުކާރުން މިއަހަރަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައިވާއިރު، އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން މި އަމާޒު ހާސިލްވާނެކަމަށް އެމްއެމްޕިއާރްސީއާއި ޓޫރިޒަމް މިނިސްޓަރީން ވަނީ ލަފާކޮށްފައެވެ.