ޚަބަރު

އިންޑޮނީޝިޔާ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 268އަށް އަރައިފި


އިންޑޮނީޝިޔާގެ ހުޅަނގު ޖާވާ ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 268އަށް އަރައިފިއެވެ. ޖާވާގެ ޝިއަންޖުރު ކިޔާ ސަރަޙައްދަކަށް ރިކްޓަރ މިންގަނޑުން 5.6ގެ ބާރުމިނުގައި އައި ބިންހެލުމުގައި ގިނަ ޢަދަދެއްގެ ޢިމާރާތްތައް ވަނީ ވެއްޓިފައެވެ. އަދި، ބައެއް ސަރަޙައްދުތަކުގެ ބިންގަނޑު ކަނޑައިގެން ގޮސް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ބިންހެލުމާ އެކު ވެއްޓުނު ޢިމާރާތްތަކުގެ ދަށުވެ، ގެއްލިފައިވާ 150އަށްވުރެ ގިނަ މީހުން ހޯދުމަށް އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައި ވަނީ ޝިއަންޖުރުގައެވެ. އަދި، އެ ރަށުގެ ގިނަ ޢިމާރާތްތަކަކަށް ލޮޅުންތަކުގައި ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ. ގިނަ އަދަދެއްގެ ޢިމާރާތުގެ ފުރާޅުތަކާއި ފާރުތައް ވެއްޓުނު ކަމުގައި އޮފިޝަލުން ވިދާޅުވެއެވެ.

މި ބިންހެލުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދުގެ ގޮތުގައި ކުރިން ރިޕޯޓު ކޮށްފައި ވަނީ 168އެވެ. ނަމަވެސް، ވެއްޓިފައިވާ ޢިމާރާތްތަކާއި، ބިންގަނޑު ކަނޑައިގެން ގޮސްފައިވާ ސަރަޙައްދުތަކުން މަރުވެފައިވާ އިތުރު މީހުންގެ ހަށިތައް ވަނީ ފެނިފައެވެ. ބިންހެލުމާ ގުޅިގެން ކުރިމަތިވި އެކި ހާދިސާތަކުގައި 1,000 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިއެވެ.

ބިންހެލުމުގައި ގެއްލުން ލިބުނު ސަރަޙައްދުތަކަށް އެ ޤައުމުގެ ރައީސް ޖޯކޯ ވިދޯދޯ ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި، މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވައިލައްވާފައެވެ. ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކާއި ގެއްލުން ލިބުނު މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޢިމާރާތްތަކުގެ ދަށުވެ ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމަށް ހަރަކާތްތެރިވާ ނޭޝަނަލް ރެސްކިޔު އޭޖެންސީ "ބަސަރްނާސް"ގެ އޮފިޝަލަކު ބުނީ، ބިންހެލުމުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމުގައެވެ. ބިންހެލުމުގައި ޝިއަންޖުރުގެ މައި ސްކޫލެއް ވެއްޓިފައިވާ ކަމަށާއި، އެ ވަގުތު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލުގައި ތިބި ކަމުގައި އެ އޮފިޝަލް ބުންޏެވެ.

ޝިއަންޖުރުއަކީ ފަރުބަދަ މަތީ ސަރަޙައްދެކެވެ. ބިންހެލުމާ ގުޅިގެން އެ ސަރަޙައްދުގެ ގިނަ މަގުތަކަށް ބޮޑެތި ގެއްލުންތައް ލިބުމުގެ ސަބަބުން ޢިމާރާތްތަކުގެ ދަށުވެފައިވާ ކަމަށް ބެލެވޭ މީހުން ހޯދުމާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ.

މި ބިންހެލުމަށް ފަހު އެ ސަރަޙައްދަށް 62 ފަހަރެއްގެ މަތިން އިތުރު ލޮޅުންތައް އަރާފައިވާ ކަމުގައި އިންޑޮނީޝިޔާގެ ބިންހެލުންތަކާ ގުޅޭ އިދާރާއިން ބުނެއެވެ. ޝިއަންޖުރުއަކީ 175,000 މީހުންގެ އާބާދީއެއް ދިރިއުޅޭ ސަރަޙައްދެކެވެ. ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ވެރިރަށް ޖަކަރްތާއަށް ވެސް ކުރިއެވެ.

އިންޑޮނީޝިޔާ އޮންނަނީ "ރިންގް އޮފް ފަރަޔ"ގެ ނަމުން މަޝްހޫރު އަލިފާން ފަރުބަދަތައް ގިނަ ބިންހެލުންތައް ޢާންމު ސަރަޙައްދެއްގައެވެ. އަދި، ދެ ބައްރުގެ "ޓެކްޓޯނިކް ޕްލޭޓް" ގުޅޭ ހިސާބުގައެވެ. 2021ވަނަ އަހަރުގެ ޖަނަވަރީ މަހު އިންޑޮނީޝިޔާގެ ސުލަވެސީއަށް އައި ރިކްޓަރ މިންގަނޑުން 6.2ގެ ބާރުގަދަ ބިންހެލުމެއްގައި 100އަށްވުރެ ގިނަ މީހުން މަރުވެ، އެތަކެއް ހާސް ބަޔެއްގެ ގެދޮރު ހަލާކުވިއެވެ.