ކުޅިވަރު

ޖިރޫޑުގެ ރިކޯޑާއެކު ޗެމްޕިއަން ފްރާންސްއަށް މޮޅެއް


ފީފާ ވޯލްޑް ކަޕް 2022 ގެ ޑީގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސްއިން ފަހަތުން އަރައި އޮސްޓްރޭލިއާ ބަލިކޮށް ފެށުން ރަނގަޅުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗު ފްރާންސްއިން ކާމިޔާބުކުރީ 4-1 ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އޮސްޓްރޭލިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރޭގް ގޫޑްވިންއެވެ. އެކަމަކު މި ލަނޑަށްފަހު މުޅި މެޗުގެ ކޮންޓްރޯލް ފްރާންސްއިން ހޯދައި ފުލުފުލުގައި އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފައްދާފައިވެއެވެ. އެގޮތުން އެ ޓީމުގެ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭއަށް ވަނީ ލަނޑު ޖަހަން މުޅިން ހުސް ފުރުސަތެއްލިބި ބޭކާރުވެފައެވެ.

އެކަމަކު މެޗުގެ 27 ވަނަ މިނެޓުގައި ފްރާންސްއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އޭޑިއަން ރަބިއޯއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން އޮލިވިއޭ ޖިރޫޑް ވަނީ ލަނޑު ޖަހާ ފްރާންސްއަށް ލީޑު ނަގައިދީފައެވެ. މިއީ ރަބިއޯގެ އެހީތެރިކަމާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗުގެ ދެވަނަ ހާފުގައިވެސް ފްރާންސްއިން ވަނީ ފުލުފުލުގައި އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ލަނޑު ޖަހާ ފްރާންސްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ޖިރޫޑް ވަނީ އިތުރު ލަނޑެއް ޖާހާފައެވެ. މިއީ ޖިރޫޑް ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން 51 ވަނަ ލަނޑެވެ. މި ލަނޑާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދިން ތިއެރީ އޮންރީގެ ރިކޯޑާއަރާ ހަމަކޮށްފައެވެ.