ޗައިނާއާއި ފިލިޕީންސްއާ ދެމެދު މިލްކުވެރިކަމާ މެދު ޚިޔާލުތަފާތުވުން އުފެދިފައިވާ ރަށެއް ކަމުގައިވާ ޕަލަވަންއަށް އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް ވަޑައިގަންނަވައި، އެ މައްސަލައިގެ ތެރެއަށް ވެސް ވަދެއްޖެއެވެ. ފިލިޕީންސްއަކީ އެމެރިކާއާ އެކު ޒަމާންވީ ގާތް ގުޅުމެއް ދަމަހައްޓަމުންދާ ޤައުމެކެވެ.
ހެރިސް އަކީ، ފިލިޕީންސްގެ ހުޅަނގުގައި އޮންނަ ރަށެއް ކަމުގައިވާ ޕަލަވަންއަށް މިހާތަނަށް ޒިޔާރަތް ކުރައްވާފައިވާ އެމެރިކާގެ އެންމެ އިސް އޮފިޝަލެވެ. އޭނާގެ މި ދަތުރުފުޅަކީ، އޭޝިޔާ ސަރަޙައްދުގައި ޗައިނާގެ ނުފޫޒު ގަދަކުރަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އެ ކަމަށް ހުރަސް އެޅުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޕަލަވަން އޮންނަނީ ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސްޕްރެޓްލީ އާކިޕެލަގޯ ކައިރީގައެވެ. އެ ރަށްތަކަކީ ޗައިނާގެ ރަށްތަކެއް ކަމުގައި ޗައިނާއިން ވަކާލާތު ކުރެއެވެ. ނަމަވެސް، އެއީ ޗައިނާއަށް ބާރުފޯރުވޭނެ ރަށްތަކެއް ނޫން ކަމުގައި ބައިނަލްއަޤުވާމީ އިދާރާތަކުން ވަނީ ނިންމާފައެވެ. އެ ސަރަޙައްދުގައި ރަށްތަކުގެ މިލްކިއްޔާތާ މެދު ޗައިނާއާއި ފިލިޕީންސްގެ އިތުރުން ވިއެޓްނާމްއާއި، މެލޭޝިޔާ އަދި ބްރޫނާއީއިން ވެސް ދަނީ ވަކާލާތު ކުރަމުންނެވެ.
ޕަލަވަންއަށް ޒިޔާރަތް ކުރެއްވުމުގެ ކުރިން ހެރިސް ވަނީ ވެރިރަށް މެނީލާގައި އެ ޤައުމުގެ ރައީސް ފަރޑިނަންޑް މާކޯސްއާ ބައްދަލު ކުރައްވާފައެވެ. ފިލިޕީންސްގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް އެމެރިކާއިން އެ ޤައުމަށް އެހީތެރިވެދޭނެ ކަމުގައި މި ބައްދަލުވުމުގައި ހެރިސް ވިދާޅުވިއެވެ. ދެކުނު ޗައިނާ ކަނޑުގައި ހަރަކާތްތެރިވާ ފިލިޕީންސްގެ އަސްކަރީ އުޅަނދުފަހަރަށް އެއްވެސް ޤައުމަކުން ހަމަލާއެއް ދީފި ނަމަ، ފިލިޕީންސްގެ ދިފާޢުގައި އެމެރިކާއިން ތެދުވާނެ ކަމުގައި ވެސް ހެރިސް ވިދާޅުވިއެވެ.
އެމެރިކާއާއި ފިލިޕީންސްއަކީ ވަރަށް ގާތް ގުޅުމެއް ބާއްވަމުންދާ ދެ ޤައުމެވެ. ދެ ޤައުމުގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުމުގެ ދަށުން ފިލިޕީންސްގައި އެމެރިކާގެ ފަސް އަސްކަރީ މަރުކަޒު ވަނީ ޤާއިމު ކޮށްފައެވެ. އަދި، އެ ތަނުގައި ހަތިޔާރާއި އަސްކަރީ ސާމާނު ރައްކާކުރުމުގެ އިތުރުން، ގިނަ އަދަދެއްގެ އެމެރިކާ ސިފައިން ވެސް އެ މަރުކަޒުތަކުގައި ޤާއިމުކޮށްފައި ތިބެއެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެ ޤައުމުގެ މި ވަގުތު ޚިޔާލު ތަފާތުވުން އުފެދިފައިވާ އެންމެ ބޮޑު މައްސަލައަކީ ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައެވެ. އެ މައްސަލަ އިތުރަށް ހޫނުވެފައި ވަނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ ތައިވާނަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެންނެވެ.