ޚަބަރު

ތައިލެންޑުގައި ބޮމުގެ ހަމަލާއެއްދީ އެކަކު މަރާލައިފި


ތައިލެންޑުގެ ދެކުނުގައިވާ ނަރަތިވަތްގައި ކާރު ބޮމެއް ގޮއްވައިލައިގެން ދިން ހަމަލާއެއްގައި އެކަކު މަރުވެއްޖެއެވެ. މި ހާދިސާގައި ބޮން ގޮއްވައިލާފައި ވަނީ ފުލުހުންގެ ޢިމާރާތެއްގެ ކުރިމަތީގައެވެ. ނަރަތިވަތްއަކީ ތައިލެންޑުގެ އެންމެ ދެކުނުގައިވާ ޕުރޮވިންސެވެ.

މި ހަމަލާގައި 28 މީހުން ޒަޚަމުވި ކަމުގައި ނަރަތިވަތްގެ ގަވަރުނަރު ސަނަން ޕޯންގަސްކޯން ވިދާޅުވިއެވެ. ފުލުހުންގެ ޢިމާރާތް ކައިރީގައި ކާރު ޕާކު ކުރުމަށް ފަހު ކާރުގެ ޑްރައިވަރު ފިލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި، ބޮން ގޮއްވައިލާފައި ވަނީ އޭގެ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

މި ހަމަލާގެ ފަހަތުގައިވާ މީހާ ހޯދުމަށް ފުލުހުން މިހާރު ވަނީ ތަހުޤީޤު ފަށާފައެވެ. އަދި، އެ ސަރަޙައްދުގައި ހަރުކޮށްފައިވާ ސީ.ސީ.ޓީ.ވީ. ކެމެރާތައް ބަލައިގެން، ކާރު ދުއްވި ޑްރައިވަރު ހޯދުމުގެ މަސައްކަތް ފަށާފައެވެ. މި ހާދިސާގައި ޒަޚަމުވި މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިޔަސް ކަމުގައި ވެސް ޕޯންގަސްކޯން ވިދާޅުވިއެވެ.

2004 ވަނަ އަހަރަށް ފަހު ތައިލެންޑުގެ ދެކުނުގެ ސަރަޙައްދުތަކުގައި ވަނީ ހަމަނުޖެހުންތައް އިތުރުވެފައެވެ. އަދި، މި ފަދަ ހަމަލާތައް އިތުރުވެފައެވެ. އޭގެ ފަހުން ދީފައިވާ ތަފާތު އެކި ހަމަލާތަކުގައި މަރުވެފައިވާ މީހުންގެ އަދަދު 7,000 އަށްވުރެ މައްޗަށް އަރައެވެ. މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ދިން މި ފަދަ ކާރުބޮމުގެ ހަމަލާއެއްގައި ފުލުހެއް މަރުވެ، އިތުރު ތިން ފުލުހުން ޒަޚަމުވިއެވެ.