ޚަބަރު

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ވާދަކުރަނީ


އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ވާދަކުރުމަށް ނިންމައިފިއެވެ.

ޔުނައިޓެޑް ނޭޝަންސް ޔޫއެންގެ ސެކިއުރިޓީ ކައުންސިލަށް ރާއްޖެއިން ވާދަކުރަން ނިންމާފައިވާކަން އިޢުލާންކުރެއްވީ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ރާއްޖެއިން ވާދަކުރުމަށް ނިންމާފައިވަނީ 2033 އިން 2034 ވަނަ އަހަރަށް ހިންގާ އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށްކަމަށެވެ. މީގެއިތުރުން 2027 ވަނަ އަހަރުން 2028 ވަނަ އަހަރަށް ހިންގާ، ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލުގެ ގޮނޑިއަކަށްވެސް ރާއްޖެއިން ވާދަކުރުމަށް ނިންމާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

މި އިންތިޚާބުތައް ދިވެހިރާއްޖެ ކާމިޔާބު ކޮށްފިނަމަ، އެއީ މި މަޤާމުތަކަށް ރާއްޖެ އިންތިހާބުވާ ފުރަތަމަ ފަހަރަށްވާނެއެވެ.

އ.ދ.ގެ ސަލާމަތީ މަޖިލީހުގެ މައިގަނޑު މަޤްސަދަކީ ބައިނަލްއަޤްވާމީ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމެވެ. އަދި އ.ދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ސަރުކާރުގެ މި ދަޢުރުގައި ވަނީ، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދަޢުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ހަމައެހެންމެ، ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ރީތި ނަން ހޯދުމަކީވެސް ސަރުކާރުގެ ވައުދެކެވެ. އަދި އެކަމުގައި މިހާތަނަށް ގިނަ ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ.

އެގޮތުން ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އ.ދގެ އާއްމު މަޖިލިހުގެ ރިސާޔަތުވެސް ރާއްޖެއިން ވަނީ ބަލަހައްޓާފައެވެ. އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމެވެ. ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދ.ގެ އާއްމު މަޖިލިހުގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައިވަނީ 2021 ޖޫންމަހުން ފެށިގެން 2022 ޖޫންމަހާއި ހަމައަށެވެ.

މިގޮތުން، 2018 އިން ފެށިގެން ހޯދާފައިވާ ކާމިޔާބުތަކުގެ ތެރޭގައި، އ.ދ.ގެ އާންމު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމުގެ އިތުރުން އ.ދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް އިންތިޚާބުވުން ހިމެނެއެވެ.

މިހާތަނަށް ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބުތަކަކީ ކުދި ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މައިދާނުގައި މުހިންމު ދައުރެއް އަދާ ކުރެވޭނެ ކަމުގެ ނަމޫނާއެކެވެ.