ޚަބަރު

ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް؛ މިހާތަަނަށް 111 މަރު


ކޮލަމްބިޔާގެ ހުޅަނގުގެ ސަރަޙައްދުތަކަށް އައި ބާރުގަދަ ބިންހެލުމެއްގައި 111އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ރެެކްޓަރ މިންގަނޑުން 7.4ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައި ވަނީ ބިމުގެ ސަތަހައިގެ 107 ކިލޯމީޓަރު އަޑިއަށެވެ. އެއީ ކޮލަމްބިޔާގެ ސެން ހޯސޭ ޑެލް ޕާމާގެ ކައިރީގައި ޕެސިފިކް ކޯސްޓުގައި އޮންނަ ޗޯކޯ ކިޔާ ސަރަޙައްދެއްގައެވެ. ބިންހެލުން އުފެދިފައި ވަނީ އެ ސަރަޙައްދުގައި ނަމަވެސް އެ ޤައުމުގެ ބޮޑެތި ސިޓީތަކަށް ބިންހެލުމުގެ ލޮޅުންތައް އިޙްސާސްކުރެވިފައިވެއެވެ. ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ނެރެފައެއް ނުވެއެވެ.

އެ ކާރިޘާގެ ސަބަބުން އެކި ސިޓީތަކުގައި ހުންނަ އިމާރާތްތައް ވަނީ ވެއްޓިފައެވެ. ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާއިރު، 87 މީހުންނަށް ޒަޚަމްވެފައިވާ ކަމަށް އިދާރާރަކުން ބުނެއެވެ. ގިނަ ބަޔަކު އިމާރާތްތަކުގެ އަޑީގައި ތާާށިވެފައި ތިބި ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވެއެވެ.

ކޮލަމްބިޔާއަށް ވަރުގަދަ ބިންހެލުމެއް އައިސްފައި މި ވަނީ އެ ޤައުމުގެ ރައީސްގެ މަޤާމަށް އަބެލަރުދޯ ދެ ލަ އެސްޕްރީއެޔާ ޙަވާލުވެވަޑައިގެންތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭނާ ރައީސްކަމުގެ ހުވާ ކުރައްވައިފައި ވަނީ އޮގަސްޓު މަހުގެ 7ވަނަ ދުވަހުއެވެ. އެއާއެކު އައު ސަރުކާރަށް މި ވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައެވެ.

ކޮލަމްބިޔާގައި ކުއްލި ޙާލަތު އިޢުލާނުކުރައްވައި ޤައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން އެސްޕްރީއެޔާ ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ އިމާރާތްތަކުގެ އަޑީގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމަށް ކަމަށެވެ. ޤައުމީ ސަރުކާރުގައި ހުރި ހުރިހާ ވަސީލަތެއް ޢާންމުންގެ ފުރާނަ ރައްކާތެރިކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ކޮލަމްބިޔާގެ އަވަށްޓެރި ޤައުމެއް ކަމަށްވާ ވެނެޒުއެލާއަށް ވެސް ބާރުގަދަ ބިންހެލުންތަކެއް އައިސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ކާރިޘާގައި 6,000އަށް ވުރެ ގިނަ މީހުން މަރުވެފައިވެއެވެ.