ކުޅިވަރު

ސައުދީން އާޖެންޓީނާގެ މޮޅުވުމުގެ ރިކޯޑު ނިމުމަކަށް ގެނަސްފި


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާއިން އާޖެންޓީނާގެ މޮޅުވުމުގެ ރިކޯޑު ނިމުމަކަށް ގެނަސްފިއެވެ.

އަންގާރަ ދުވަހު ކުޅުނު މި މެޗު ސައުދީން ކާމިޔާބުކުރީ ފަހަތުން އަރައި 2-1 ގެ ނަތީޖާއުންނެވެ.

މުޅި މެޗުކަހަލަ ގޮތަކަށް އާޖެންޓީނާއިން ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އާޖެންޓީނާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ.

އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި މެސީ އިތުރު ލަނޑެއް ޖެހި ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ލަނޑު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާޖެންޓީނާއިން އިތުރު ލަނޑެއްވެސް ޖެހިއެވެ. އެހެންނަމަވެސް އެ ލަނޑުވެސް ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ސައުދީން ވަނީ ގާތް ގާތުގައި ދެ ލަނޑު ޖަހާ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފައެވެ. އެގޮތުން މެޗުގެ 48 ވަނަ މިނެޓުގައި ސައުދީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ސަލަޙް އަލް ޝެހޭރީއެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ސައުދީއަށް ލީޑު ނަގައިދިނީ ސާލިމް އަލް ދަވްސާރީ ޖަހައިދިން ލަނޑުންނެވެ.

މި މެޗަށް އާޖެންޓީނާއިން ނުކުތްއިރު، އެޓީމުން އެންމެ ފަހުން ކުޅުނު 36 މެޗުން ވެސް ވަނީ މޮޅުވެފައެވެ. އަދި މި ބައްޔާއެކު އެ ރިކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ.