ޚަބަރު

ރީޖަނަލް އެއަރޕޯޓްސްގެ ވިޔަފާރި ފުޅާކުރުމަށް ޕްލޭންތަކެއް


ރީޖަނަލް އެއަރޕޯޓްސް ފައިދާވާ ކުންފުންޏަކަށް ބަދަލުކުރުމަށް ވިޔަފާރި އުސޫލުން ކަންތައްތައް ކުރުމަށް ވިސްނުންތަކެއް އެބަހުރި ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަޒް، އެސް.އޯ.އީ ކޮމިޓީއަށް އައިލެންޑު އޭވިއޭޝަން، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އަދި އެމްޓީސީސީގެ އިސްވެރިން ހާޒިރުކޮށްވަނީ ސުވާލުކޮށްފައެވެ.

ކޮމެޓީ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ރިޒްވީ ވިދާޅުވީ، މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުންދަނީ އެއަރޕޯޓުތައް ސްޓޭންޑަޑަށް ގެނައުމުގެ މަސައްކަތް ކަމަށެވެ.

އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި ވިޔަފާރި އުސޫލުން ކަންތައްތައް ކުރުމަށް ވިސްނުންތަކެއް އެބަހުރި ކަމަށާއި، އެއާ އެކު ފައިދާވާ ކުންފުންޏަކަށް ރީޖަނަލް އެއަރޕޯޓްސް ބަދަލުވާނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

" މިހާރު އިންވެސްޓުކުރަންޖެހޭ ކެޕިޓަލް ހަރަދުތަކަކީ އިކުއިޕްމަންޓު ދެން މީހުން ޓްރެއިންކުރުމާއި، ކުރިއަށް އޮތްތާގައި ވިޔަފާރި ކުރުމުގައި، ވިސްނުންތަކެއް އެބަހުރި، އެއަރޕޯޓުގެ ލޭންޑުތައް ބޭނުންކޮށްގެން، ގެސްޓުހައުސްތައް ކުއްޔަށް ދިނުމާއި، ކޮމާޝިއަލީ ބޮންޑަޑު ވެއަރހައުސްތައް ހެދުމާއި، ކާގޯ ވެއަރހައުސްތަކާއި، އެކަހަލަ ވިސްނުންތައް އެބަހުރި،" ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ މިހާރު އެކުންފުނިން ހިންގާ އެއްވެސް އެއަރޕޯޓަކުން ފައިދާ ނުވާ ކަމަށާއި، ގިނަ އެއަރޕޯޓުތަކުގައި މުވައްޒަފުން ގިނަ ވުމަކީވެސް ޚަރަދު ބޮޑުވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް އެއަރޕޯޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު 3 އެއަރޕޯޓު ހުޅުވޭނެއެވެ. އޭގެ ތެރޭގައި މިއަހަރު ޑިސެމްބަރުގައި އެއް އެއަރޕޯޓު އަދި އަންނަ އަހަރުތެރޭ 2 އެއަރޕޯޓު ހުޅުވޭނެ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ ޕްރައިވެޓު ޖެޓުތަކުގެ ދަތުރުތައް އެއަރޕޯޓުތަކަށް ކުރެވޭނެ ގޮތެއް ހޯދުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިހާރު ހުރި އެއްވެސް އެއަރޕޯޓަކީ ޖެޓު އޮޕަރޭޝަންތައް ބޭއްވޭނެ އެއަރޕޯޓުތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

" މިހާރު ހުރި 6 އެއަރޕޯޓަކީ ޖެޓު ޖެއްސޭވަރުގެ ރަންވޭއެއް ހުރި އެއަރޕޯޓުތަކެއް ނޫން، ޖެޓު ޖައްސަން 1800 މީޓަރުގެ ރަންވޭއެއް ބޭނުންވޭ، މިހާރު ހަދަމުންދާ އެއަރޕޯޓުތަކުގައި ހަދަމުންދަނީ 1500 މީޓަރުގެ ރަންވޭ، މި ސައިޒުގެ ރަންވޭއަކުންވެސް ޖެޓު ނުޖެއްސޭނެ، ރަންވޭތައް ބޮޑު ކުރުމާއި ގުޅޭގޮތުން ކަމާއި ގުޅޭ އިދާރާތަކާއި އެކު މަޝްވަރާކުރަމުންދަނީ،" ރިޒްވީ ވިދާޅުވިއެވެ.

އަތޮޅުތަކުގެ އެއަރޕޯޓްތައް ބެލެހެއްޓުމަށް ސަރުކާރުން ވަކި ކުންފުންޏެއް އުފައްދަވާ މަސައްކަތް ފެށީ 2020ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެގޮތުން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ދަށުން މިވަގުތު 6 އެއަރޕޯޓެއް ބެލެހެއްޓުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެއީ ހޯރަފުށި އެއަރޕޯޓް، ކުޅުދުއްފުށި އެއަރޕޯޓް، ފުނަދޫ އެއަރޕޯޓް، މާވަރުލު އެއަރޕޯޓް އަދި ފުވައްމުލައް އެއަރޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓެވެ.