ޚަބަރު

އެމްއެންޑީއެފަށް އިންޓަރސެޕްޓަރ ފަސް ކްރާފްޓް ހޯދަނީ


މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑަށް ހަތިޔާރާއެކު ޙަރަކާތްތެރިވެވޭ ކަނޑު 5 އުޅަނދު ހޯއްދެވުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި ޝްރީލަންކާގެ ކުންފުންޏަކާ ދެމެދު ސޮއިކުރައްވައިފިއެވެ.މިކަން ދިވެހި ސަރުކާރުގެ ފަރާތުން ޙަވާލުކުރެއްވީ ޝްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާއެވެ.ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރައްވައި، ޤާބިލްކަން އިތުރުކުރެއްވުމަށް ކުރިޔަށް އޮތް ދެތިން އަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރެއްވުމަށް ސަރުކާރުން ކަނޑައަޅުއްވައި އެކަން ތަންފީޒުކުރެއްވުމުގެ މަސައްކަތް ވަނީ ފަށްޓަވާފައެވެ. މީގެތެރޭގައި ހިމެނުއްވައިގެން ރާއްޖޭގެ ކޯސްޓްގާރޑުގެ ޕްލީޓް ފުޅާކުރެއްވުމަށް މިހާރު ގެންދަވަނީ ސްޓެރަޓެޖިކް ޕްލޭނެއް އެކުލަވާލައްވަމުން. އަދި ވަރަށް އަވަސް މުސްތަޤްބަލެއްގައި އައު އިންޓަރސެޕްޓް ކްރާފްޓްތަކެއް ހޯއްދެވުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރެއްވުމުގެ އެންމެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ރާއްޖެއަކީ ކަނޑުގެ ބޮޑު ސަރަޙައްދަކަށް ފެތުރިފައިވާ އަދި ބޮޑު އިޤްތިޞާދީ ސަރަޙައްދަކާއި ސިޔާސީ ސަރަޙައްދެއް ބަލަހައްޓަންޖެހޭ ޤައުމަކަށްވާތީއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު ޙިމާޔަތްކުރެއްވުމަކީ ރާއްޖޭގެ މަސްވެރިކަން ޙިމާޔަތްކުރައްވައި މަސްވެރިކަން ދެމެހެއްޓެވުމަށްވެސް ވަރަށް މުހިންމުކަމަކަށްވާތީ، މީގެ އިތުރަށް ކަނޑުމަތީގެ ޙާދިސާތަކުން މީހުންނާއި މުދާ ސަލާމަތްކުރުމުގެ ޙަރަކާތަށްވެސް ކޯސްޓްގާރޑް ތަރައްޤީކުރުން ވަނީ މުހިންމުކަމަކަށްވެފައެވެ.ރާއްޖޭގެ ކޯސްޓްގާރޑް ތަރައްޤީކުރެއްވުމުގެ މަސައްކަތުގެ ދަށުން ކަނޑުގެ ފަސްއުޅަނދު ހޯއްދެވުމަށް ހަމަޖައްސަވައި އެ އުޅަނދުތައް ބަނުމުގެ މަސައްކަތް ސަރުކާރުން ޝްރީލަންކާގެ ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވި ގޮތުގައި މި މަސައްކަތަށް 129 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވީ، މިއުޅަނދުތައް ބޭނުންކުރެވެން ފެށުމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި މަސްކަނޑުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކަމާއެކު ރައްކާތެރިކޮށް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު ޝިޔާމް ވިދާޅުވީ، މި އުޅަނދުތައް ހޯދުމުގައި ވަރަށް ގިނަ ދިރާސާތަކެއް އެމްއެންޑީއެފް ކޯސްޓްގާރޑުން ކުރައްވާފައިވާ ކަމަށެވެ.ކަނޑުގެ އުޅަނދު ހޯދުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާދަމް ޝަރީފް ޢުމަރެވެ. އަދި ސޯލާސް މެރިން ލަންކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ޕްރަވީން ޝެނޯއީއެވެ. މި 5 އުޅަނދު މިއަހަރު ތެރޭގައި ރާއްޖެއަށް ގެނެވޭނެކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރެއްވިއެވެ.