ޚަބަރު

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ އިޞްލާހު ތަސްދީޤްކުރައްވައިފި


އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞަލިޙް ތަސްދީޤްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި އިޞްލާހުގައި ވަނީ އަންނަ ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. މިއިސްލާހު ޤާނޫނަށް ގެނައުމުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަވާތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމެވެ. ތަސްދީޤްކުރެއްވި ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ. މި އިޞްލާހު މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަސްދީޤްކުރެއްވުމާއި ގުޅިގެން ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިޢުކުރައްވާފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވަނީ، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށް މާލީ އިދާރާތަކުން ހާމަކުރުމާއި ގުޅިގެންނެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވިއެވެ.

ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމާއި ދަޢުލަތުގެ ޚަރަދުކުޑަކުރުމުގެ ގޮތުން ސަބްސިޑީ ރިފޯމު ކުރުމާށާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް އިތުރަށް ހަރަދަނާކޮށް ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ސަރުކާރުން މިހާރު ކުރިއަށްގެންދިޔުމަށް ނިންމާފައިވާ މަޝްރޫއުތަކުގެ އިތުރަށް އެހެން އެއްވެސް މަޝްރޫއުއެއް ކުރިއަށް ނުގެންދިޔުމަށާއި ހިންގުމުގެ ޚަރަދުތައްވެސް ކުޑަކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ޖީއެސްޓީއަށް ގެންނަން ހުށަހެޅި ބަދަލުތަކަށް މަރުހަބާ ކިޔައި އިޤްތިޞާދީ އިސްލާހުތައް ތަންފީޒުކުރުމަށް ސަރުކާރަށް އެއްބާރުލުން ދޭނެކަމަށް ވޯލްޑް ބޭންކުންވެސް ވަނީ ބުނެފައެވެ. ރާއްޖޭގައި މުދަލާއި ޚިދުމަތުން ޓެކްސް ނަގަން ފަށާފައިވަނީ 2008 ވަނަ އަހަރުން ފެށިއެވެ.