ޚަބަރު

މަނޫޝީގެ ހިތް ވިޔަފާރިވެރިއަކަށް


2017 ވަނަ އަހަރުގެ މިސް ވޯލްޑް އަދި މިހާރު ހިންދީ ފިލްމުތައް ކުޅެން ފަށާފައިވާ ބަތަލާ މަނޫޝީ ޗިލާރު އިންޑިއާގެ ވިޔަފާރި ވެރިއަކާއި ރައްޓެހިވެގެން އުޅޭ ކަމަށް އަޑުތައް ފެތުރިއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މަނޫޝީ މިހާރު ރައްޓެހިވެގެން އުޅެނީ ވިޔަފާރިވެރިއެއް ކަމަށްވާ އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅޭ ނިކިލް ކަމަތް އާއެވެ.

"ސަމްރާޖް ޕްރިތްވީރާޖް" އިން އަކްޝޭ ކުމާރާއެކު ބޮލީވުޑަށް ތަޢާރަފުވި މަނޫޝީ އާއި ނިކިލް މިދިޔަ އަހަރުން ފެށިގެން އެކުގައި އުޅޭ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ދެމީހުންގެ ގުޅުން ވަރަށް ސިއްރުން ކުރިއަށް ގެންދިޔަ ނަމަވެސް ދެމީހުން އެކުގައި ތަންތަނަށް ދާތަން ވަނީ ފެނިފައެވެ. އަދި ދެމީހުންގެ ގުޅުމުގެ ވާހަކަ ދައްކާކަށް އެކަކުވެސް އަދި ބޭނުން ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަނޫޝީއާއެކު ނިކިލް މިހާރު އުޅޭއިރު އޭނާ ވަނީ މީގެކުރިން ކައިވެންޏެއްވެސް ކޮށްފައެވެ. އަމަންޑާ ޕްރޫވަންކަރާ ކިޔާ މީހަކާއި 2019 ވަނަ އަހަރު ނިކިލް ވަނީ އިޓަލީގައި ކައިވެނިކޮށްފައެވެ. ނަމަވެސް މި ކައިވެނި ވަނީ 2021 ވަނަ އަހަރު ރޫޅިފައެވެ.

ޖޯން އަބްރަހަމްއާއެކު ފެންނަ ފިލްމު "ތެހެރާން" އަކީ މަނޫޝީގެ ކުރިއަށްއޮތް މަސައްކަތެކެވެ. މެޑޮކް ފިލްމްސް އާއި ބޭކް މައި ކޭކް ފިލްމްސް ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމު ރިލީޒްކުރަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު 26 ގައެވެ. މިއީ ރިތޭޝް ޝާހް އާއި އާޝިޝް ޕްރަކާޝް ވަރުމާ ލިޔެފައިވާ ސްކްރިޕްޓަކަށް އުފައްދާ ފިލްމެކެވެ.