ޚަބަރު

އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓް ހާމަކުރާނީ ތަހުގީގް ނިމުމުން


ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި ގދ.ހޯނޑެއްދޫ އުމުރުން 43 އަހަރުގެ ޢަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް ރިޕޯޓް ހާމަކުރުން ލަސްވަނީ ތަހުގީގުގެ މަސައްކަތް އަދިވެސް ކުރިއަށްދާތީ ކަމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ގދ. ހޯނޑެއްދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ޢަބްދުﷲ ރަޝީދު ނިޔާވީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ. އެ މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ތުހުމަތު ކުރާތީ، ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން މިހާރު އަންނަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.

މި މައްސަލަ ތަހުގީގުކުރުމަށް ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމައި އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ފޮނުވީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ޕޯސްޓްމޯޓަމް ފައިނަލް ރިޕޯޓް ނުލިބުނު ނަމަވެސް މިހާރުވަނީ ޕޯސްޓްމޯޓަމްގެ ރިޕޯޓެއް އެންއައިސީއަށް ލިބިފައެވެ. އެއިދާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައިގެ ތަހުގީގް ކުރިއަށްދާތީ މިހާރު ލިބިފައި އޮތް ޕޯސްޓްމޯޓަމް ރިޕޯޓް ހާމަކުރެވެން ނެތްކަމަށެވެ. މިމައްސަލައަކީ ތަހުގީގް ކުރިއަށްދާ މައްސަލައަކަށްވުމުން، ތަހުގީގާއި ގުޅޭމާބޮޑު ތަފްސީލެއްވެސް އެންއައިސީން ދެއްވާފައިނުވެއެވެ.

އާއިލާގެ ނުރުހުމުގައި އޭނާގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާތީ، އެ ނިންމުން ބާތިލުކޮށް، މައްޔިތާގެ ޖަނާޒާގެ ކަންކަން ހަމަޖައްސަން ހަށިގަނޑު ހަވާލުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އޭނާގެ މަންމަ މަރިޔަމް އަހްމަދު، މާރަގަ/ގދ. ހޯނޑެއްދޫ، ސިވިލް ކޯޓަށް ވެސް ހުށަހެޅިއެވެ. ނަމަވެސް މި މައްސަލާގައި އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ޕޯސްޓްމޯޓަމަށްފަހު ޢަބްދުﷲ ރަޝީދުގެ ހަށިގަނޑު މާލެ ގެނެސް ޖަނާޒާ ބާއްވާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، މި މައްސަލައާ ގުޅިގެން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ހިންގާ ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.